ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކައުންސިލްތައް ފުދުންތެރި ބަޔަކަށް ހަދަންޖެހޭ: ރައީސް

Sep 12, 2022
1

އެންމެ ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ކައުންސިލްތަކަކަށް ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލ. ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަން ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ތިންވަނަ ސެޝަންގެ މައުލޫއަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއެކު ޕެނަލްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓް އޮފީސް އަލީ ޝިޔާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝާން ލަތީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިސެޝަންގައި ރައީސް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގައި ކައުންސިލްތަކަށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކައުންސިލް މެދުވެރިވެގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިދާނެ ކަންކަމާ މެދު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވާހަކަދައްކަނީ މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާއި އެކީގައި ސަރުކާރުން ހާސިލްކުރަން ބޭނުންވި އެންމެ މުހިއްމު ކަމަކީ، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، އޭގެ ޒާތުގައި އަމިއްލައަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުކުރަމުން ކަމަށެވެ.

"އެހެން ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. މިހާރަށް ވުރެ ރަނގަޅަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި، މިހާރަށް ވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކައުންސިލްތަކަށް މިހާރު ދޫކުރަނީ ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސަންޓް ކަމަށާއި މީގެއިތުރުން އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސަންޓެވެ. އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްތަކުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް ވެސް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މި ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، މާލީ ގޮތުން ހުރި ދަތިތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި މިކޮންފަރެންސް ނިމިގެންދާއިރު ބިނާކުރެނިވި މުހިއްމު ވާހަކަތަކެއް ދެކެވި މަޝްވަރާކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިސެޝަންގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި، އަދި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން، ކުރިއަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށް ކައުންސިލަރުން ވެސް ޕްރެޒެންޓޭޝަން ހުށަހެޅުއްވި އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް ލ. ގަމުގައި ކުރިއަށް ދާއިރު، މިއަދު މިކޮންފަރެންސް ނިމޭނެ އެވެ.

މިކޮންފަރެންސްގެ އެންމެ ފަހު ސެޝަންގައި މަޝްވަރާކުރެވޭނީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.