ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ ގޮތުން ބާއްވާ ތިންވަނަ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އއ. އުކުޅަހުގައި އަންނަ ހުކުރު ދުވަހު "ފަނޯއްލަ ދަރުބާރު"ގެ ނަމުގައި ބާއްވާ މަހާސިންތާގެ ސެޝަނެއްގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ ކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވާފަ އެވެ. ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް މި މަހާސިންތާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
މިއީ ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާއްވާ ތިންވަނަ މަހާސިންތާ އެވެ. މިފަހަރުގެ މަހާސިންތާ ތިން ދުވަހަށް ދެމިގެންދާނެ އެވެ.
މަހާސިންތާގައި ލާމަރުކަޒީ އުސޫލު ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. އަދި ލާމަރުކަޒީ ގާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މިސަރުކާރުން ދީފައިވެ އެވެ. ނަމަވެސް ބައެއް ކަހަލަ ކަންކަން ކައުންސިލްތަކުން ކުރުމުގައި ވަކިން ހާއްސަކޮށް މުވައްޒަފުން ނެގުމާއި ބައެއް ކަހަލަ ހުއްދަތައް ހޯދުމުގައި އަދިވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ކައުންސިލް ތަކުގެ ބުނެ އެވެ.
ކައުންސިލްތަކަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ލޭންޑް ޔޫޒް ޕްލޭން ނުހެދި، ބިންތައް ބޭނުންކުރަން ހުއްދަ ނުލިބުމެވެ. ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެލްޖީއޭ އިން ވަނީ އިންޑިއާގެ މާލީ އަދި ފަންނީ އެހީތެރިކަމަށް އެދިފަ އެވެ.