ވިއަވަތި ރާއްޖެ ކޮންފަރެންސް

އަތޮޅު ފިހަރާތަކުގެ ކުލި އެއްކޮށް އަތޮޅު ކައުންސިލަށް ދިނުމަށް ނިންމަވައިފި

May 28, 2022
1

މާލޭގައި ހިންގާ އަތޮޅު ފިހަރާތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް އަތޮޅު ކައުންސިލްތަކަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް މިކަން އިއުލާންކުރެއްވީ އއ. އުކުޅަހުގައި ކައުންސިލްތަކާ އެކު މިހާރު ކުރިއަށް ގެންދާ ވިއަވަތި ކޮންފަރެންސްގަ އެވެ.

މާލޭގައި ހިންގާ އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ. ނަމަވެސް ރައީސް ސޯލިހްގެ މިއަދުގެ ނިންމެވުމާ ގުޅިގެން އަތޮޅު ފިހަރާތަކުން ކުލީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ކައުންސިލްތަކަށް ލިބިގެންދާނެ އެވެ.

އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2019 ވަނަ އަހަރު އެވެ. އެއީ 2015 ވަނަ އަހަރުގެ ފައިސާ އެވެ. އެ އަހަރު އަތޮޅު ކައުންސިލްތަކަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފިނޭންސް މިނިސްޓްރީން ޖަމާކުރި އެވެ.

އަތޮޅު ފިހާރަތަކުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާގެ ބައެއް މިދިޔަ އަހަރުވެސް ފިނޭންސް މިނިސްޓްރީން ވަނީ އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދީފަ އެވެ. މިދިޔަ އަހަރު ޖަމާކޮށްދިނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އަތޮޅުތަކަށް ލިބޭ 50 ޕަސަންޓެވެ. އެގޮތުން 2016 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ލިބުނު އާމްދަނީގެ ގޮތުގައި 17.9 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރުގެ ކުލީގެ ގޮތުގައި 20.5 މިލިއަން ރުފިޔާ 20 އަތޮޅުގެ އެކައުންޓަށް ޖަމާ ކޮށްދީފައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް މިސަރުކާރުން ގެންދަނީ ބޮޑެތި ބާރުތަކެއް ދެމުންނެވެ. ކައުންސިލްތަކަށް ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސަންޓް ދިނުމަށް ނިންމާ އެ ފައިސާ ވެސް ސަރުކާރުން ގެންދަނީ ކައުންސިލްތަކަށް ދޫކުރަމުންނެވެ.