ވިއަވަތި ރާއްޖެ ކޮންފަރެންސް

ލޭންޑް ޔޫޒް ޕްލޭން ހެދުން ފަސޭހަކޮށްދޭނަން: ރައީސް

May 29, 2022
2

ލޯކަލް ކައުންސިލްތަކުން ހަދަންޖެހޭ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ގިނަ ކައުންސިލްތަކަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ފެށި ވިއަވަތި ކޮންފަރެންސްގެ ދެވަނަ ސެޝަން ޗެއާކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ލާމަޒުކަޒީ ގާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރު ބޮޑުކުރުން ކަމަށެވެ. އަދި އެކަންކުރަން ކަނޑައެޅިފައި އޮތީ ޕްލޭން އެކުލަވާލާއިރު އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު އެބަޔަކު ބޭނުންވާ ވިސްނުމެއް އޭގައި ހިމެނޭ ގޮތަށް ޕްލޭން އެކުލަވާލުން ކަމަށެވެ. އެހެންނަމަވެސް ގާނޫނަށް ގެނެވުނު މި ބަދަލާ އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ ސެޝަންގެ އެންމެ ބޮޑު ބޭނުމަކީ އެކަންކަމާ މަޝްވަރާކޮށް ގޮތްތަކެއް ހޯދުން ކަމުގައިވެސް ވިދާޅުވި އެވެ.



ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ކައުންސިލްތަކަށް ހަމަޖައްސައިދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ދެން މި ސެޝަންގައި ކައުންސިލަރުން، އަތޮޅު ކައުންސިލްތަކުގެ އިހްތިސާސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންމުގައިވެސް ގާނޫނީ ގޮތުން ބަދަލެއް ގެންނަން ޖެހޭތޯ ބައްލަވައި ބަދަލެއް ގެންނަވަން ޖެހޭނަމަ އެބަދަލެއް ގެނެސްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލްތަކުން ފާހަގަކުރި ސިވިލް ސާވިސް ކޮމިޝަނާއި ގުޅުންހުރި ކަންކަން އެކޮމިޝަނާ ހިއްސާކޮށްދެއްވައި ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި، ޕްލޭނިމް މިނިސްޓަރު މުހައްމަދު އަސްލަމާއި، އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ބައިވެރިވެވަޑައިގަތެވެ.

މި ސެޝަންގައި ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މައްސަލައިގައި ރަށްރަށުގެ ކައުންސިލަރުން ދެކެވަޑައިގަންނަވާ ގޮތާއި ކައުންސިލަރުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ވެސް ފުރުސަތު ދެއްވެވި އެވެ. ކައުންސިލަރުންގެ އެންމެ ބޮޑު ޝަކުވާ އަކަށްވީ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ފަންނީ މީހުން މަދުއިރު އެ ޕްލޭން ހެދުމުގައި ލުއި ނުދިނުމެވެ. މީގެއިތުރުން ޕްލޭނިން މިނިސްޓްރީން އެ މަސައްކަތުގައި އެއްބާރުލުން ނުލިބޭ ކަމަށްވެސް ކައުންސިލަރުން ވިދާޅުވި އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވަނީ ލޭންޑްޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމާއި އަދި އެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުތަކަށް އެންމެ ދަތިވާ ކަންތައްތައް ކަމުގައި ވިދާޅުވެ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އަދި ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ފަސޭހަ ގޮތެއް ކަމަށް ވިދާޅުވެ ފެނިވަޑައިގަންނަވާ ގޮތްތަކެއް ވެސް މިނިސްޓަރު ހިއްސާކުރެއްވި އެވެ.

މިނިސްޓަރު އަސްލަމް ފަސޭހަ ގޮތެއް ވިދާޅުވުމުން ބައެއް ކައުންސިލަރުން އެކަމާ ވެސް ހިތްހަމަނުޖެހުނެވެ. އެގޮތުން ކައުންސިލަރަކު ވިދާޅުވީ ލޭންޑް ޔޫޒް ނުހެދި ކައުންސިލްތަކުގެ މިދައުރުން އެއް އަހަރު ފާއިތުވީ ފަހުން ލުއި ގޮތް ވިދާޅުވީތީ ހިތާމަކުރައްވާ ކަމަށެވެ. ކުރިން އެގޮތް ހިއްސާ ނުކުރީ ކީއްވެތޯ ވެސް ބައެއް ކައުންސިލަރުން ސުވާލު އުފެއްދެވި އެވެ.