ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް މިއަދު އއ. އުކުޅަހަށް ވަޑައިގެންފި އެވެ.
މާދަމާ އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް، ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާ ގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސް ސޯލިހާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ހައްލުތައް ހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.
މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުން އައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިހާބުވި ކައުންސިލަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުމެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ސްޕޯޓްސް ފެސްޓިވަލެއް އުކުޅަހުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. މި ފެސްޓިވަލްގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ކޮންފަރެންސްގައި ޖުމްލަ ހަތަރު ސެޝަނެއް ބާއްވާނެ އެވެ. އަދި މި ސެޝަންތަކުގައި މިހާރު ގައުމުގައި ހުރި އެންމެ މުހިއްމު މައްސަލަތަކާ މެދު މަޝްވަރާކޮށް ހިޔާލުބަދަލުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމާ ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުންނަށް ހުށަހަޅުއްވައި މަޝްވަރާކުރައްވަން ފުރުސަތު ލިބޭނެ އެވެ. ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީވެސް ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ނިންމުމުގައި އެސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުސަތު ދިނުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ވިޔަވަތި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި ފަށާ ކޮންފަރެންސެވެ.
މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވާނެ އެވެ.