ވިއަވަތި ރާއްޖެ ކޮންފަރެންސް

ކައުންސިލްތަކުގެ ގޮންޖެހުންތައް އެނގޭ، ހައްލު ހޯދޭނެ: ރައީސް

ވޭތުވެދިޔަ އެއް އަހަރު ދުވަސް ތެރޭގައި ގިނަ ކައުންސިލްތަކާއި ބައްދަލުކޮށް މަޝްވަރާކުރިއިރު ކައުންސިލްތަކަށް ދިމާވެފައިވާ މުހިންމު ގޮންޖެހުންތައް އެނގިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކާއިއެކު މިއަދު ފަށާފައިވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ކައުންސިލްތަކަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ގާތްގަނޑަކަށް އެއްކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

އެ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތްކުރާއިރު ސަރުކާރުގެ ފަރާތުންނާއި އަދި ކައުންސިލްތަކުގެ ފަރާތުން ވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މި ކޮންފަރެންސްގެ އެންމެ މުހިންމު އެއް ބޭނުމަކީ ސަރުކާރާއި ކައުންސިލްތަކުން އެއް މޭޒެއްގެ ދޮށުގައި ތިބެ އެކަންތައްތަކަށް ހައްލު ހޯދޭނެ ގޮތްތައް ހޯދުން ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު ބަދަލުތައް އޭގެ ހަގީގީ މާނައިގައި ތަންފީޒުކުރުމަށް ކައުންސިލަރުން އަބަދުވެސް ވެސް ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ނިމިދިޔަ އެއް އަހަރުގެ ތަޖުރިބާ ތަފާތު. ކައުންސިލްތަކަށް ވެސް އަދި ސަރުކާރަށް ވެސް ފާހަގަވި އާ ކަންކަމާ، ކުރެވުނު އިތުރު ތަޖުރިބާ އެބަހުރި. ތިޔަބޭފުޅުން އުކުޅަހަށް ވަޑައިގެން ތިޔަތިއްބެވީ ފޮށިތަންމައްޗަށްވުރެ މާބަރު އެހެން އެއްޗަކައިގެން. އެއީ އެއް އަހަރުން ފެންމަތިވި ހުރިހާ މައްސަލަތަކާ ފާހަގަވި ގޮންޖެހުންތަކުގެ ތަޖުރިބާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ވަރަށް ރަނގަޅަށް އަދި ބާރަށް ހިންގައިގެން ފުދުންތެރިކަން އިތުރުކުރާ ކައުންސިލްތައް ފެނިވަޑައިގަންނަވާ ކަމަށެވެ. ލާމަޒުކުރުމުގައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. ރައްޔިތުންނާ އެންމެ ގާތުގައި އެތުރި ތަރުތީބުވެފައިވާ އިދާރީ އަދި ތަންފީޒީ ފަށަލައަކީ ކައުންސިލްތަށް ކަމުގައި ރައީސް ސިފަކުރެއްވި އެވެ.

ރައީސް ފާހަގަކުރެއްވި ކައުންސިލްތަކުގެ ގޮންޖެހުންތައް

  • ކައުންސިލަށް ބޭނުންވާ ވަރަށް ބަޖެޓާ ވަސީލަތްތައް ނެތުން
  • މަސައްކަތް ކުރުމަށް އެކަށޭނަ އުމްރާނީ ވަސީލަތް ނެތުން
  • ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމަށް އޮތް ގާނޫނީ، އިދާރީ އަދި ފަންނީ ދަތިތައް
  • އިހްތިސޯސްގައި ހިމެނޭ ވަސީލަތްތަކުގެ އިގްތިސޯދީ މަންފާ ހޯދުމަށް އޮތް ހުރަސްތައް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެކަށީގެންވާ ވަސީލަތާ މަސައްކަތް ކުރާނެ މާހައުލު ނެތުން
  • ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ނުކުރެވުން
  • ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ހުރި ދަތިތައް

"ހަގީގަތުގައި އަޅުގަނޑުމެންގެ ސިޔާސަތުތަކާ ތަރައްގީގެ އެންމެހާ ކަންކަން ގޮސް ގުޅެނީ މި ލާމަރުކަޒީ ނިޒާމާ. ފެންވަރު ރަނގަޅު ތައުލީމާ، މަލްޓިޕާޕަސް ހޯލާ، ސެޓެލައިޓް ސްކޫލާ، ޓާޝަރީ ފެންވަރުގެ ސިއްހީ ފަރުވާއާ، ރަށުގެ ބަނދަރާ، އަޑީގައި ވަޅުލާ ފެނާ ނަރުދަމާއާ ކަރަންޓް ކޭބަލް ކަމުގައިވިޔަސް އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ. ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއްވެސް އާހިރުގައި އެގުޅެނީ ހަމަ މި ލާމަރުކަޒީ ނިޒާމާ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ރަށެއް އަންނަނީ ލާމަރުކަޒީ، ވިއަވަތި، ޖަޒީރާވަންތަ އަދި ފުދުންތެރި ރާއްޖެއަކަށް ފައްކާ ވަމުންކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލައިފައި ވަނީ މުޅިރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވި އެވެ. އަދި މާލެއަށް އޮތް ހުރިހާ ބުރައަކަށް، ދެވެން އޮތް އެންމެ ބޮޑު ލުޔެއްދީ، ހަމަނޭވާލެވޭނެ ހިތްފަސޭހަ ތަނަކަށް މާލެ ހެދުން ކަމަށް ވިދާޅުވި އެވެ.