ރާއްޖޭގެ ވެރިރަށް މާލޭގެ ނަން ލިޔާއިރު އަދި ކިޔާއިރުވެސް މާލޭގެ ކުރިއަށް ކ. އަތޮޅަށް ދީފައިވާ އަކުރު "ކ" ބޭނުން ނުކުރުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގަތީ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.
ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ" ކަމަށެވެ.
މިމާއްދާއަށް އިޝާރާތް ކުރައްވާ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިރަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނައިރު ވެރިކަން ކުރާ ރަށަކީ "ކ. މާލެ" ކަމަށް ބަޔާންކޮށްފައި ނޯންނަ ކަމަށެވެ. އަދި ރަސްމީ ގިނަ ލިޔުންތަކުގައިވެސް "ކ. މާލެ" ޖަހައިގެން ލިޔެފައި ނުހުންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ، ކ. އަތޮޅުގައި އޮތް ނަމަވެސް މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީވެ މާލެ ލިޔާއިރު ކުރިއަށް "ކ" އިތުރުކޮށް "ކ. މާލެ" ލިޔެއެއް ނޫޅެ އެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ "ކ. މާލެ" ލިޔުމަކީ އަދި ކިޔުމަކީވެސް ގާނޫނުއަސާސީގައި އޮންނަ ގޮތާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.
"މިހާރަކަށް އައިސް 'ކ. މާލެ' ލިޔުމާއި ކިޔުން އަންނަނީ އިތުރުވަމުންނެވެ. މިއީ ކުޑަކަމެއް ނޫނެވެ. ރަނގަޅު ކުރަންޖެހޭ ކަމެކެވެ،" އާދަމް ޝަރީފްގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.