ރައްޔިތުންގެ މަޖިލިސް

އެންމެ ގިނައިން ވީއައިޕީން ދަތުރުކުރި މެންބަރުންގެ މައޫލޫމާތު ހޯދަނީ

ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯދި މެމްބަރުންގެ މައުލޫމާތު ހޯދަން ނިންމައިފި އެވެ.

އެ މައުލޫމާތު ހޯދަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަށްޓެހިންނަށް ވީއައިޕީ ލައުންޖު ހުޅުވާލަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މުރާޖައާ ކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގެ އާންމު ކޮމިޓީގައި މެމްބަރަކު އެ މައުލޫމާތުތައް ހޯދަން އެދިވަޑައިގަތުމުންނެވެ.

ވީއައިޕީ އެންމެ ގިނައިން ބޭނުންކުރި މެމްބަރުންގެ މައުލޫމާތު ހޯދަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް އެވެ.

ޝާހިދު އެދިވަޑައިގެންނެވީ ނިމިގެން ދިޔަ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން ވީއައިޕީގެ ހިދުމަތް އެންމެ ގިނައިން ބޭނުންކުރެއްވި 10 މެމްބަރުންނާއި އެ ބޭފުޅުންނާއެކު ވީއައިޕީގެ ހިދުމަތް ބޭނުންކުރި މީހުންގެ އަދަދާއި އެކަމަށް މަޖިލީހުން ކުރި ހަރަދުގެ ތަފްސީލު ހޯދުމަށެވެ.

ޝާހިދު ވިދާޅުވީ އޭނާ މަޖިލީހަށް އިންތިހާބުވެ ދެ އަހަރު ފާއިތުވެގެން ދިޔައިރު މަޖިލީހުން ކަނޑައެޅި ދަތުރެއް ނޫން ގޮތަށް ވީއައިޕީގެ ހިދުމަތް ހޯއްދެވީ އެންމެ ފަހަރަކު ކަަމަށެވެ.

"އެވެސް [ވީއައިޕީ ބޭނުންކުރީ] ވަރަށް ބޮޑަށް ބަލިވެގެން ކުރި ދަތުރެއްގައި. ވީއައިޕީ ބޭނުންކުރުމުގެ ހުއްދަ އަޅުގަނޑަށްވެސް އޮވޭ. އެހެން ނަމަވެސް [ އެއްމެ ފަހަރަކު] ނޫނީ ނުކުރަން" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ހުށަހެޅުމާ ގުޅިގެން އެންމެ ގިނައިން ވީއައިޕީގެ ހިދުމަތް ހޯއްދެވި މެމްބަރުންނާ ގުޅޭ ތަފްސީލު ހޯދުމަށް އާންމު ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ނިންމެވި އެވެ.

މެންބަރުންގެ އާއިލާގެ އިތުރުން މެންބަރުން އިހުތިޔާރުކުރާ ދެ ރަހުމަތްތެރިޔަކަށް ވެސް ވީއައިޕީ ބޭނުންކުރެވޭ ގޮތަށް ހަދަން އާންމު ކޮމިޓީން ނިންމީ މިދިޔަ ހަފްތާގައި ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީން ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ވީއައިޕީގެ ހިދުމަތް ދެމުން އައީ މެންބަރުންގެ އަނބިންނާއި، ފިރިންނާއި، ދަރިންނާއި، މައިންބަފައިންނަށް އެކަންޏެވެ.