ހަސަން ލަތީފް

ފެނަކައިގެ 31 މައްސަލަ، 72 މިލިއަން ރުފިޔާގެ ހިޔާނާތް އެބައުޅޭ: ހަސަން

ފެނަކަ ކޯޕަރޭޝަނާ ގުޅޭ 31 މައްސަަލައެއްގައި 72 މިލިއަން ރުފިޔާގެ ހިޔާނާތް ހިމެނޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަމަށް ދަ ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ހަސަން ވިދާޅުވި ގޮތުގައި ފެނަކައާއި ގުޅޭ 72 މިލިއަން ރުފިޔާގެ މައްސަލަތައް އޭސީސީއަށް ހުށަހެޅީ ފެނަކައިގެ މުވައްޒަފުންތަކެކެވެ. އެކަމަކު އެ މައްސަލަތަކުގެ ތަހުގީގު އޭސީސީ ތެރެއިން ކުރިއަށް ނުދާ ކަމަށް ހަސަން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލަތައް ނުބެލޭތީ އަނެއްކާވެސް ކަންކަން ކުރާ ފަރާތަށް އެދެވެނީ ކޮރަޕްޝަންގެ އަމަލުތައް ހިންގަން ހިތްވަރެއް،" ހަސަން ވިދާޅުވި އެވެ.

ފެނަކައިގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ފަށާފައި މިވަނީ ފެނަކައަށް އެކި މަސައްކަތްތައް ކޮށްދީފައިވާ ބައެއް ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީގެން އެ ކުންފުނިތަކުން އިހްތިޖާޖުކޮށް މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ވަގުތެއްގައެވެ.

ބައެއް ކުންފުނިތަކުން ބުނި ގޮތުގައި ފެނަކައިން ފައިސާ ނުދިނުމުގެ ސަބަބުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް ނުވުމާއި، އެ ކުންފުނިތަކުގެ ސަޕްލަޔަރުންނަށް ފައިސާ ނުދެވި ކުންފުނިތައް ވަނީ ބަނގުރޫޓްވުމުގެ މަގުމަތީ ގައެވެ.

ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން އިދިކޮޅު މެންބަރުން ވަނީ ފެނަކަ އިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ދިނުމަށް ގޮވާލާފަ އެވެ. އަދި ފެނަކައިގައި ހިންގާފައިވާ ހިޔާނާތްތައް ރަނގަޅަށް ބަލައި އެކަމުގައި ޝާމިލްވާ ބޭފުޅުންނަށް ފިޔަވަޅު އެޅުމަށްވެސް މެންބަރުން ގޮވާލެއްވި އެވެ.