ބާސާއިން ގަނެފައިވާ ކުޅުންތެރިންގެ ޓްރާންސްފާ ފީގެ ގޮތުގައި ދައްކަން ޖެހޭ 115 މިލިއަން ޔޫރޯ އަދިވެސް އެޓީމުން ނުދައްކާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސްޕެއިންގެ އެންމެ ވަރުގަދަ ކުޅިވަރު މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި އެހެން ކްލަބް ތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 28.4 ޕަސެންޓު ވަނީ ކުޑަ ވެފަ އެވެ. އެކަމަކު ފާއިތުވި އަހަރު ތަކުގައި ޓްރާންސްފާ ފީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ ތެރެއިން 115 މިލިއަން ޔޫރޯ އަދިވެސް ބާސާއިން ނުދައްކާ އެބައޮތެވެ.
ބާސެލޯނާގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓު ރައީސް ލަޕޯޓާ އާއި ކްލަބުގެ ޖެނެރަލް ޑިރެކްޓަރު ފްރެން ރިވާޓާ މާދަމާ މީޑިއާ ތަކާއި ހިއްސާ ކުރަން ނިންމާފައި ވާއިރު މިއީ ލީކުވެފައިވާ މައުލޫމާތު ތަކެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕިއެނިކްގެ ޓްރާންސްފާގެ ބާކީގެ ގޮތުގައި ބާސެލޯނާއިން ޔުވެންޓަސްއަށް 39 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ. އަދި ފްރެންކީ ޑިޔޯންގްގެ ޓްރާންސްފާ ފީގެ ބާކީގެ ގޮތުގައި 32 މިލިއަން ޔޫރޯ އަޔަކްސްއަށް ދައްކަން ޖެހޭއިރު، ސާޖީނިއޯ ޑެސްޓްގެ ފީއެއްގެ ގޮތުގައި 16 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ. މީގެ އިތުރުން ކޮޓީނިއޯގެ ޓްރާންސްފާ ފީގެ ގޮތުގައި ލިވަޕޫލަށް ދައްކަން ޖެހޭ އަދަދުގެ ތެރެއިން 13 މިލިއަން ނުދައްކައި ބާކީ އެބައޮތެވެ.
ޓީމު ތަކުން ކުޅުންތެރިންގެ ޓްރާންސްފާ ފީގެ ގޮތުގައި އެކި ކްލަބް ތަކަށް ދައްކަން ޖެހޭ އަދަދު އަހަރު ތަކަކަށް ބަހާލައިގެން ދެއްކުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު ބާސެލޯނާއަށް ދިމާވެފައިވާ މައްސަލަ އަކީ ގިނަ އަހަރު ތަކެއް ވެގެން ދިޔައި އިރު ވެސް ފީގެ ގޮތުގައި ވަރަށް ބޮޑެތި އަދަދު ތަކެއް ނުދައްކައި ހުރުމެވެ.
ބާސެލޯނާ ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު 24 ޕަސެންޓު ދަށް ކުރުމާއި އެކު މުސާރައިގެ ގޮތުގައި މިހާރު އެޓީމުން ހަރަދު ކުރަން ޖެހޭނީ 470 މިލިއަން ޔޫރޯ އެވެ. ނަމަވެސް ފާއިތުވެ ދިޔަ ދެތިން އަހަރު ބާސެލޯނާގެ ދަރަނީގެ ގޮތުގައި 578 މިލިއަން ޔޫރޯ ވަނީ ރެކޯޑު ކޮށްފަ އެވެ.