ބާސެލޯނާ

އެނބުރި އަންނާނީ ވަރުގަދަކޮށް: ޓާ ސްޓޭގެން

އިންޓަނޭޝަނަލް ބްރޭކަށް ފަހު އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް ބާސެލޯނާގެ އެއް ނަންބަރު ކީޕަރު މާކް އެންދްރޭ ޓާ ސްޓޭގެން ބުނެފި އެވެ.

ބާސެލޯނާގެ އެންމެ ނުފޫޒު ގަދަ އެއް ކުޅުންތެރިޔާ ސްޓޭގެން ކުރި ޓްވީޓެއްގައި ބުނީ މިފަހަރުގެ ސީޒަން ފަށަން ޖެހުނީ ވަރަށް އުނދަގޫކޮށް ކަމަށާއި ނަތީޖާ ތަކާއި މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އެކަމަކު މިހާރު މި ލިބުނީ ޓީމުގެ ހާލަތާއި މެދު ވިސްނައި އެކަންތައްތައް ރަނގަޅު ކުރާނެ ވަގުތު ކަމަށެވެ.

"އިންޓަނޭޝަނަލް ބްރޭކަށް ފަހު އަހަރެމެން އެނބުރި އަންނާނީ ވަރުގަދަ އަޒުމަކާއި ހިތަވަރަކާއި އެކު. އެންމެ އެކުގައި އަހަރެމެންނަށް މިކަން ވާނެ" ސްޓޭގެން ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

މިފަހަރުގެ ސީޒަންގައި ސްޓޭގެންގެ ފަރާތުން ވެސް ފެނިފައި ވަނީ ފާއިތުވު ސީޒަނަށް ވުރެ ދަށް ކުޅުމެކެވެ. މީގެ ކުރިން ޓީމު ސަލާމަތް ކޮށްދިނުމުގައި ހީނުކުރާ ފަދަ މޮޅެތި ސޭވް ތަކެއް ކޮށްފައިވާ ސްޓޭގެން އަނިޔާއަށް ފަހު އެނބުރި ކުޅުމަށް އައިސް އެ ކުޅުން އަދި ނުދެއްކެ އެވެ.

މި ސީޒަންގައި ބާސެލޯނާގެ ފަރާތުން ފެންނަށް ދަށް ކުޅުމާއި ނަތީޖާ ތަކުގެ ސަބަބުން ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަށް ވަނީ ވަރަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި ޓީމުގެ މެނޭޖުމެންޓުން ގަބޫލު ކުރާ ގޮތުގައި މި ލިބޭ އިންޓަނޭޝަނަލް ބްރޭކަކީ ޓީމުގައި ރަނގަޅު ކުރަން ހުރި ކަންތައް ފާހަގަކޮށް އެކަންތައް ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ބާސެލޯނާއަށް ނަތީޖާ ނުނެރެވުމަށްވުރެ ބޮޑަށް ފުޓްބޯޅަ ސަޕޯޓަރުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަނީ އެޓީމުގެ ރީތި ޕާސިން ގޭމް މިހާރު ގެއްލިފައި ވާތީ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ކޫމަން އަށް ނަތީޖާ ނުނެރެވިއްޖެ ނަމަ ބާސެލޯނާގެ ކޯޗު ކަމުން އޭނާ ވަކި ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ބާސެލޯނާގެ ރައީސް ލަޕޯޓާ އާއި ކޫމަން އާއި ދެމެދު މިހާރު ވެސް ވަނީ ބޮޑު ހިތްހަމަ ނުޖެހުންތަކަކާއި ދެބަސްވުންތަކެއް އުފެދިފަ އެވެ.