ފްލައިމީ

ގައުމީ ޓީމަށް ހިތްވަރު ދޭން ފްލައިމީގެ ތަފާތު ވީޑިއޯއެއް

ދިވެހި ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ވިލާ އެއާގެ "ފްލައިމީ" ގެ މުވައްޒިފުން ތަފާތު ވީޑިއޯއެއް އާންމުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ސާޕް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގާޅު ބައްދަލުކުރާ މެޗު އޮތީ މާދަމާ ރެ އެވެ. މި މެޗުން މޮޅުވުން ދިވެހިންނަށް ކޮންމެހެން މަޖުބޫރު އެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރި ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-0 ނަތީޖާއަކުން ވަނީ ބަލިވެފައެވެ. ރާއްޖެ މިފަހަރުގެ މުބާރާތަށް ނިކުމެފައިވަނީ "މިއީ އެ ފަހަރު، ތިންވަނަ ފަހަރު" މި ޝިއާރުގެ ދަށުންނެވެ.

"ފްލައިމީ" ގެ މުވައްޒިފުން ވަނީ ދިވެހި ގައުމީ ޓީމާއެކު ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ތަފާތު ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯގައި އެ ކުންފުނީގެ ޕައިލެޓުންނާއި ކެބިން ކުރޫއިން ގައުމީ ޖާޒީގައި ތިބެ "މިއީ އެ ފަހަރު، ތިންވަނަ ފަހަރު" ކަމަށް ބުނެ ގައުމީ ޓީމާއެކު ތިބިކަން ވަނީ ހާމަކޮށްފައެވެ.

މުބާރާތުގައި މާދަމާ ހަވީރު އޮންނަ މެޗުގައި ބައްދަލު ކުރާނީ ލަަންކާ އާއި އިންޑިއާ އެވެ. މިއީ އިންޑިއާއަށްވެސް މުހިންމު މެޗެކެވެ. ލަންކާއިން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ރާއްޖެ-ބަންގާޅާ ދެކޮޅަށް ނިކުންނައިރު ރާއްޖޭގައި އެ ގައުމުގެ ރައްޔިތުންގެ ބޮޑު އާބާދީއެއް އެބައޮތެވެ. ނަމަވެސް އުސޫލު ބުނާ ގޮތުން ސަޕޯޓަރުންނަށް ވަކި އަދަދަކަށް ޓިކެޓް ވިއްކޭނެތީ އެ މެޗަށް ބަންގާޅު ރައްޔިތުންނަށް ވިއްކީ 200 ޓިކެޓެވެ. އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ބަންގާޅުގެ ސަޕޯޓަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ ގައުމުގެ މީޑިއާތަކުންވެސް ބޮޑުކޮށް އެ ވާހަކަތައް ގެނެސްދީފައިވެއެވެ.