ވިލާ އެއާގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހު މާމިގިލީ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ކުރުން ފެށުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލާ އެއާއިން މިހެން ބުނެފައިވަނީ މާމިގިލީގައި އެ ކުންފުނިން ހިންގާ "ވިލާ އެއާޕޯޓް މާމިގިލި" އިންޓަނޭޝަނަލް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އަވަސްއިން ސުވާލު ކުރުމުންނެވެ. ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ ވިލާ އެއާޕޯޓަށް އިންޓަނޭޝަނަލް ލައިސަންސް އަދި ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް އެ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށްޓަކައި އެއާޕޯޓަށް އިންޓަނޭޝަނަލް ލައިސަންސް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ. ނާޝިދު ވިދާޅުވީ އިންޓަނޭޝަނަލް ލައިސަންސް ދިނުމުގެ ކުރީން ހަދަން ޖެހޭ އިންސްޕެކްޝަންތައް މިދިޔަ ބުރާސްފަތި ދުވަހު ނިމިފައިވާ ކަމަށެވެ.
"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތެއް މިއީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މާމިގިއްޔަށް ސީދާ އިންޓަނޭޝަނަލް ފްލައިޓްތައް ބޭއްވުން،" ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ ވިލާ އެއާއިން މަސައްކަތް ކުރަމުން ގެންދަނީ މި މަހުގެ 26 ވަނަ ދުވަހު އިންޓަނޭޝަނަލް ދަތުރުތައް ފެށުން ކަމަށެވެ. އެ ގޮތުން އެ ދުވަހު ފުރަތަމަ ފްލައިޓް އުދުއްސާލަން ވާންޖެހޭ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ. ވިލާގެ އިންޓަނޭޝަނަލް ފުރަތަމަ ދަތުރުތައް ކުރާނީ ބެންގަލޫރަށެވެ.
"ވިލާ އެއާޕޯޓް މާމިގިލި" އިންޓަނޭޝަނަލް ކުރުމުގެ ހުއްދަ ސަރުކާރުން އަދި ނުދިން ނަމަވެސް މިހާރުވެސް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ޖެޓްތައް ޖައްސައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމްގެ ވިލާ ގްރޫޕުން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓް ތަކަށް ހުޅުވާލަން މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި އެ ހުއްދަ ބާތިލް ކުރުމުން އެކަން ކުރެވޭގޮތް ނުވީ އެވެ.
ގާސިމަކީ މި ސަރުކާރުގެ ކޯލިޝަންގެ ވެސް މެންބަރެކެވެ. އަދި އޭނާގެ އަނބިކަނބަލުން އައިޝަތު ނަހުލާއަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓަވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ވަޒީރެވެ.