ގާސިމް އިބްރާހިމް

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ތިންމަސް ތެރޭގައި ފަށަނީ

ގދ. ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ލަސްވެގެން ތިންމަސް ތެރޭައި ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގުމާ ހަވާލުވެފައިވާ ވިލާ ގުރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫއާ އެންމެ ގާތުގައި އޮންނަ އެއް ރަށް ކަމަށްވާ ގދ. ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ލަސްވީ ވިލާ ގުރޫޕާ އެތަން ހަވާލުކޮށްފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަން ދައުލަތަށް ނެގުމުން ކަމަށެވެ. މީގެއިތުރުން ކޮވިޑް 19ގެ ތެރޭގައި ވިލާ ގުރޫޕަށް ދިމާވި މައްސަަލަ ތަކަކީ ވެސް މި މަޝްރޫއު ލަސްވި ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ތަރައްގީކުރާނީ 2،800 މީޓަރުގެ ރަންވޭ އަކާ އެކު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ގޮތަށް ކަމަށެވެ.

"ރަންވޭ އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަަސައްކަތް މާތް ﷲގެ ވާގިފުޅާ އެކީގައި އަޅުގަނޑު ފަށާނަން،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ތިނަދޫއަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައި ވިލާ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލާނެ ކަމަށް ވިދާޅުވެފައިވާތީ ގާސިމް ވަނީ އެކަމަށް ރައްދުދެއްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ހިންގަނީ ބޮޑު ގެއްލުމެއްގައި ކަމަށާއި ސަރުކާރުން ބޭނުންވާނަމަ އެ އެއާޕޯޓް ހަވާލުކުރާނެ ކަމަށެވެ.

"ތިބޭފުޅުން ބޭނުންފުޅުވެއްޖިއްޔާ ތިބޭފުޅުންނަށް ދޭން ތައްޔާރު. އެންމެ ބޮޑު ލާރިއެއްވެސް ދެއްވާނެ ކަމެއް ނެތް. ނުދެއްވިޔަސް އަޅުގަނޑު ދީފާނަން. އެކަމު ސުވާަލަކީ ތިބޭފުޅުންނަށް މަންފާހުރި ގޮތަކަށް އެކަން ކުރެވޭނެތޯ؟" ގާސިމް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވިލާގެ އަތުން އެތަން އަތުލީ 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރުމަށްފަހު އެވެ.

ވިލާ ގުރޫޕުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ކޯޓުން ވަނީ ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށްވާތީ ވިލާއަށް އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ. މި ހުކުމާ ގުޅިގެން އަލުން ވިލާ ގުރޫޕަށް ކާޑެއްދޫ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް އެއްވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިދިޔަ ހަފްތާ ތިނަދޫއަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ތިނަދޫ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ނިންމާފައި ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން ޕްލޭންު ކޮށްފައިވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުދާނަމަ "ބަލާކަށް ނުތިބޭނަން" ކަމަށެވެ.

"އެއާ އެކީގައި އަޅުގަނޑު މިދަންނަވާހެން ކާޑެއްދޫގެ އެއާޕޯޓް އިންޓާނޭޝަނަލް އެއާޕޯޓަކަށް ނުވާކަމަށް ވަނިއްޔާ، އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓާއި އެކީގައި އިރާދަކުރެއްވިއްޔާ މިތަނުގައި އިންޓާނޭޝަނަލް އެއާޕޯޓެއްގެ ހިދުމަތް ލިބިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.