ވިލާ އެއާ އިން އޮޕަރޭޓް ކިރާ ފްލައިމީގެ ހަތަރު ވަނަ މަތީންދާ ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިއަދު މެންދުރުގެ ވަގުތެއްގައި ޖައްސާފައި ވާއިރު ދެން އެ ބޯޓު ދަތުރު ކުރާނީ މާމިގިލީ އެއާޕޯޓަށެވެ. އަދި ދެތިން ދުވަސް ތެރޭގައި ފްލައިމީގެ އުދުހުންތަކުގައި މި ބޯޓު ބޭނުން ކުރަން ފަށާނެ އެވެ.
ފްލައިމީއަށް މިއަދު ގެނައީ ބޯޓަކީ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ. ހަތްދިހަ ދެ މީހުންގެ ޖާގަ ހިމެނޭ މި ބޯޓަަށް ގާތްގަނޑަކަށް 20 މިލއަން އެމެރިކާ ޑޮލަރު އަރާ އެވެ. މިއީ މި ކުންފުނިން ގެނައި އެ މަރުކާގެ ތިން ވަނަ ބޯޓެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ މި ބޯޓާއެކު އެ ކުންފުނިން ދެމުންގެންދާ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ފްލައިމީން ދަތުރުތައް ބާއްވަމުން އަންނަ މަންޒިލްތައް ފިޔަވައި އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ފްލައިމީގެ ފްލީޓަށް އާ ބޯޓެއް ގެނެސްފައިވާއިރު އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމާއެކު ފްލައިމީއިން އެ ކުންފުނީގެ ސީޕްލޭންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ފްލައިމީގެ ދަތުރުތައް މިހާރު ކުރަނީ ހަމަ އެކަނި ބ. ދަރަވަންދޫއަށާި އދ. މާމިގިލި އެއާޕޯޓަށް އެކަންޏެވެ. މީގެ ކުރިން އައްޑޫ އާއި ފުވައްމުލަކަށް ފްލައިމީއިން ދަތުރުކުރި ނަމަވެސް މިހާޜު ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.