ވިލާ ނޯޓިކާ

ވިލާގެ ޕެރަޑައިސްގެ ނަން ވިލާ ނޯޓިކާއަށް ބަދަލުކޮށްފި

Apr 5, 2023

ވިލާ ގުރޫޕްގެ ދަށުން ހިންގަމުންދާ ރިސޯޓުތައް ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށައި، ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ނަމުގައި ކުރިން ހިންގަމުން ދިޔަ ރިސޯޓުގެ ނަން -- ވިލާ ނޯޓިކާ އަށް ބަދަލުކޮށްފި އެވެ.

ވިލާ ނޯޓިކާގެ ނަމަށް ބަދަލުކުރި ރިސޯޓުގެ ހިންގުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ފަށާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕްގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ ނަންތައް ވެސް ރީބްރޭންޑް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ވިލާ ނޯޓިކާ އަށް ރީބްރޭންޑް ކުރުމަށްފަހު ވިލާ ގުރޫޕް ހިންގުމުގައި މިއަދު އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ގާސިމްގެ ދޮށީ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ވިދާޅުވީ އޭނާގެ ބައްޕަ ގާސިމް އިބްރާހީމުގެ ބުރަ މަސައްކަތުން ނަގާ ކޮޅަށް ޖެހި ވިޔަފާރީގައި ތަފާތު ބަދަލުތަކެއް އަދި އާ ހަރުފަތްތަކެއް ފެންނާނެ ކަމަށެވެ.

ވިލާ ގުރޫޕްގެ ނަމާއި ލޯގޯ އަށްވެސް ބަދަލެއް ގެނެސް ރީބްރޭންޑް ކުރަން ނިންމާފައިވެ އެވެ. ވިލާގެ ދަށުން މިވަގުތު ހިންގަމުންދާ ރިސޯޓުތަކަކީ ވިލާ ނޯޓިކާގެ އިތުރުން ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑާއި ފަން އައިލެންޑެވެ. މިހުރިހާ ރިސޯޓެއްގެ ނަންތައް ވެސް މިހާރު ވަނީ ރީބްރޭންޑްކޮށް އެކި މަރުހަލާތަކުގައި ހުޅުވަން ނިންމާފަ އެވެ.

ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް އެއްކޮށްހެން ބަދަލުކޮށްލުމަށްފަހު ހޮލިޑޭ އަންނަ އަހަރު އަދި ފަން 2027ގައި ހުޅުވުމަށް ވިލާ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި ރޯޔަލްއަށް ވެސް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު 2025ގައި އެ ރިސޯޓުވެސް ބަދަލުތަކާ އެކު ހުޅުވަން ވަނީ ނިންމާފަ އެވެ.