ހަބަރު

ކާޑެއްދޫ އެއާޕޯޓް މައްސަލަ ހައިކޯޓުންވެސް ވިލާއާ އެއްކޮޅަށް ނިންމައިފި

ސަރުކާރުން ކާޑެއްދޫ އެއާޕޯޓް ވިލާއަތުން އަތުލީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައި ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއިދުކޮށްފި އެވެ.

ގދ.ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދުގައި 06 ނޮވެމްބަރ 2013 ގައި ވެފައިވާ އެއްބަސްވުމާ، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ހިލާފުވެފައިވާކަމަށްބުނެ 18 ނޮވެމްބަރ 2017 ގައި ވިލާ އެއަރ އަތުން ކާޑެއްދޫ އެއާޕޯޓް ދައުލަތުން އަތުލިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ވިލާއެއާއިން ހުށަހެޅުމުން އެކޯޓުން ނިންމީ އެ އެއްބަސްވުން ދައުލަތުން އުވާލީ ގާނޫނާއި ހިލާފަށް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ވިލާ އެއަރ އަށް ލިބިގެންވާ ހައްގުތަކާއި، މަންފާތަކާއި، އެއްބަސްވުން ދައުލަތުން ބާތިލުކޮށް އެއަރޕޯޓު އަތުލުމުގެ ސަބަބުން ވިލާ އެއަރ އަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމެއްގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ވިލާއެއާއަށް ލިބިގެންވާ ކަމަށެވެ.

އެ މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު އެކޯޓުން ނިންމީ ދަށުކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި، އެހުކުމަށް ބަދަލެއް ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ދެފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ 06 އަދި 07 ވަނަ މާއްދާގައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގދ.ކާޑެއްދޫ އެއަރޕޯރޓް ތަރައްގީކޮށް ހިންގައި އަދި އޮޕަރޭޓްކުރަންވާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތީރިޓީގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމާއި، ލައިސަންސް ނެގުމާއި، ހުއްދައާއި ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާއި، އެއޮތޯރިޓީގެ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމާއި، ދިވެހި ސަރުކާރުންވެސް އަދި އެނޫންވެސް އެހެން ފަރާތަކުންވެސް އެނިންމުމަށް ބަދަލު ނުގެނެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އެކަން އެހެން އޮތް ކަމުގައިވީނަމަވެސް، އައިލެންޑް އޭވިއޭޝަނުން ހެދި ސޭފްޓީ އެސެސްމަންޓް ރިޕޯޓާއި، އަދި އެރިޕޯޓާއި ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަނުން 03 ނޮވެމްބަރ 2016 ގައި ހެދި ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓާއި، 16 ނޮވެމްބަރ 2016 ގައި ހެދުނު ފޮލޯ އަޕް ރިޕޯޓުގައިވެސް ކާޑެއްދޫ އެއަރޕޯރޓްގެ ފެންވަރު ދަށްވެގެން އެއަރޕޯރޓްގެ އޮޕަރޭޝަންސްތައް ހުއްޓާލުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ އޮތޯރިޓީއިން އަންގާފައިވާކަން އެނގެން ނެތްކަމާއި، އެހެންނަމަވެސް އެރިޕޯޓުތަކަށްފަހު އިވެލުއޭޓްކުރުމަށްފަހު 01 ޖަނަވަރީ 2017 ގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިންވަނީ ސެޓިފިކެޓް އޮފް އޮތޯރިޒޭޝަންގެ ދަށުން ގދ.ކާޑެއްދޫ އެއަރޕޯރޓް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިކަމާއި، އެހެންކަމުން، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގދ.ކާޑެއްދޫ އެއަރޕޯރޓް އޮޕަރޭޓްކުރަމުން އައީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާޢިދުތަކާއި އެއްގޮތަކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.