ފްލައިމީ

"ވިލާ އެއާޕޯޓް މާމިގިލި" އިންޓަނޭޝަނަލް ކޮށްފި

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އެއާއިން އދ. މާމިގިލީގައި ހަދާފައިވާ ވައިގެ ބަދަރު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އަލުން ހިންގަން ފަށައިފި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ މާމިގިލީގައި ހިންގާ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށާއި ފްލައިމީން ރާއްޖޭން ބޭރަށް ދަތުރު ފަށަން ސިވިލް އޭވިޝަން އޮތޯރިޓީގެ ހުއްދައަށް އެދުމުން އެ ހުއްދަ ލިބިފައިވާ ކަމަށެވެ. ސިވިލްއޭވިއޭޝަންގެ ހުއްދަ ލިބިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ހުއްދައަށް ކުންފުނިން އެދިފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.

ވިލާ އެއާއިން ނިންމާފައި އޮތީ އިންޓަނޭޝަނަލް ހުއްދަ ލިބުމާއެކު އދ. މާމިގިލިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށާށެވެ. އެ ދަތުރުތައް މިދިޔަ މަހުގެ 29 ގައި ފެށޭނެ ކަމަށް ތައްޔާރީތައްވެސްވިއެވެ. ނަމަވެސް އިންޓަނޭޝަނަލް ހުއްދަ ލިބުނީ އޭގެ އެއް ދުވަސް ފަހުން ކަމުން މި ހަފްތާގައި ދަތުރު ފެށޭނެ ވަކި ތާރީހެއް އިއުލާނު ކުރައްވާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

"ދެން މާ ލަހެއް ނުވާނެ އިރާދަކުރެއްވިއްޔާ. ވަރަށް އަވަހަށް، މި ހަފްތާތެރޭ ވަކި ތާރީހެއް އިއުލާނު ކުރެވޭނެ ދަތުރުތައް ފެށޭނެ،"

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމްގެ ވިލާ ގްރޫޕުން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓް ތަކަށް ހުޅުވާލަން މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި އެ ހުއްދަ ބާތިލް ކުރުމުން އެކަން ކުރެވޭގޮތް ނުވީ އެވެ.

ނާޝިދު ވިދާޅުވީ އެ ކުންފުނީ ގައި ކުރިން އޮތް ފްލައިޓް ޖެއްސުމުގެ ހުއްދަ ނެގި ނަމަވެސް އެ ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުން ދިޔަ ކަމަަށާ، އެހެން ކަމުން ވޭތުވެދިޔަ ދުވަސްތަކުގައި މި އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.

"ކުރިއާ ބަލާއިރު މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ ވެސް މިވަނީ 200 ޕަސެންޓް މަތިވެފައި. މާމިގިލީގައި 120 މީހުން ޖާގައިގެ ލައުންޖަކާއި އެރައިވަލް ހޯލު ވެސް ވާނީ ފުރިހަމަ ވެފައި. އެހެންވީމަ ހަމަ ހުއްދަ ދިނުމާއެކު ހުޅުވާލެވޭ ވަރަށް ކެޕޭސިޓީ އެބަހުރި،" ނާޝިދު ކުރީން ވިދާޅުވި އެވެ.

މާމިގިލީ އެއާޕޯޓް 2013 ވަނަ އަހަރު ވެސް އިންޓަނޭޝަނަލް ކުރި އެވެ. ނަމަވެސް ރައީސް ވަހީދުގެ ސަރުކާރުން ނިންމި އެ ނިންމުން ރައީސް ޔާމީންގެ ސަރުކާރުގައި ބަދަލުކޮށް އެ އެއާޕޯޓް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލު ކޮށްފައެވެ. އެއީ 2015 ގައެވެ.