ފްލައިމީ

މާމިގިއްޔަށް ބޭރު ފްލައިޓް ޖައްސައި "ފްލައިމީ" ރާއްޖޭން ބޭރަށް

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ފްލައިޓް ތަކަށް ހުޅުވާލައި "ފްލައިމީ" ރާއްޖޭން ބޭރަށް ދަތުރު ފަށަން ހުއްދައަށް އެދިއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ މާމިގިލީގައި ހިންގާ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށާއި ފްލައިމީން ރާއްޖޭން ބޭރަށް ދަތުރު ފަށަން ސިވިލް އޭވިޝަން އޮތޯރިޓީގެ ހުއްދައަށް އެދިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުތައް ހުޅުވާލައި މި ކަމަށް ހުއްދަ ދިނުމާއެކު ރާއްޖޭން ބޭރުން މާމިގިއްޔަށް އިންޓަނޭޝަނަލް ފްލައިޓް ޖައްސަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ފްލައިޓް ތަކަށް މާމިގިލި ހުޅުވާލަން ސަރުކާރާއެކު މަޝްވަރާ ކުރަމުން ދާއިރު ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ. އެހެންވެ އުންމީދު ކުރަނީ ވަރަކަށް އަވަހަށް ހުއްދަ ލިބިގެން ދާނެ ކަމަށް. މިއީ ދިވެހި ރާއްޖެ އާއި ޓޫރިޒަމަށް މިހާލަތަށް ބަލާއިރު ވެސް މުހިންމު ކަމެއް،" ނާޝިދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމްގެ ވިލާ ގްރޫޕުން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓް ތަކަށް ހުޅުވާލަން މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި އެ ހުއްދަ ބާތިލް ކުރުމުން އެކަން ކުރެވޭގޮތް ނުވީ އެވެ.

ގާސިމަކީ މި ސަރުކާރުގެ ކޯލިޝަންގެ ވެސް މެންބަރެކެވެ. އަދި އޭނާގެ އަނބިކަނބަލުން އައިޝަތު ނަހުލާއަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓަވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ވަޒީރެވެ.

ނާޝިދު ވިދާޅުވީ އެ ކުންފުނީ ގައި ކުރިން އޮތް ފްލައިޓް ޖެއްސުމުގެ ހުއްދަ ނެގި ނަމަވެސް އެ ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުން ދިޔަ ކަމަަށާ، އެހެން ކަމުން ވޭތުވެދިޔަ ދުވަސްތަކުގައި މި އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.

"ކުރިއާ ބަލާއިރު މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ ވެސް މިވަނީ 200 ޕަސެންޓް މަތިވެފައި. މާމިގިލީގައި 120 މީހުން ޖާގައިގެ ލައުންޖަކާއި އެރައިވަލް ހޯލު ވެސް ވާނީ ފުރިހަމަ ވެފައި. އެހެންވީމަ ހަމަ ހުއްދަ ދިނުމާއެކު ހުޅުވާލެވޭ ވަރަށް ކެޕޭސިޓީ އެބަހުރި،" ނާޝިދު ވިދާޅުވި އެވެ.

ފްލައިޓް ހެވީމެއިންޓަނަންސް ހަދައިދޭ އެއާޕޯޓެއް

މާމިގިލި އެއާޕޯޓަކީ ބޭރުގެ މަތިންދާ ބޯޓުތަކުގެ ހެވީ މެއިންޓަނަންސް ރާއްޖޭގައި ކުރާ ހަމައެކަނި އެއާޕޯޓެވެ. މި އެއާޕޯޓުން މިދިޔަ އަހަރާއި މި އަހަރުގެ ޖެނުއަރީ މަހު ވަނީ އޭޓީއާރު 202-72 ގެ މަތިންދާ ބޯޓެއް ރާއްޖެ ގެނެސް ހެވީ މެއިންޓަނަސް ހަދައިދީފަ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ދާއިރާގައި އެ ކުންފުނިން ހޭދަކުރި ނުވަ އަހަރުގެ ތެރޭ މި ސިނާއަތަށް 169 ދިވެހިން ތައްޔާރުކޮށްފައި ވާއިރު އޭގެ ތެރޭގައި 69 ޕައިލޮޓުން ހިމެނެ އެވެ. އަދި ރާއްޖޭން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓެއްގެ ހެވީ މެއިންޓަނަންސް ރާއްޖޭގައި ހެދޭނެ ކެޕޭސިޓީ ރާއްޖޭގައި ގާއިމް ކުރުމަކީ މި ކުންފުނީގެ ގާބިލްކަން ރަމްޒު ކޮށްދޭ ކަމެކެވެ.

"އަޅުގަނޑުމެން ބޯޓު ފަހަރު މެއިންޓަނަންސް ކުރުމުގެ މަސައްކަތުގައި ވެސް މި އުޅެނީ ދިވެހިން. ބޭނުން ވަނީ މި ދާއިރާގެ އިންޑަސްޓްރީއެއް އުފައްދައި، ރާއްޖެއަށް ފޮރިން އެކްސްޗޭންޖް ލިބޭނެ މަގު ފަހި ކުރުން. މިހާރު އޭޓީއާރުގެ ޕައިލެޓުން ތަމްރީން ކުރަން މި ފޮނުވަނީ ބޭރަށް. އެކަމަކު އަޅުގަނޑުމެންގެ ޕްލޭނެއް ރާއްޖޭގައި އޭޓީއާރު ސިމިއުލޭޓާއެއް ގާއިމް ކުރުން،" ނާޝިދު ވިދާޅުވި އެވެ.

ފްލައިމީން ބޯޓެއް ގެނެސް ޗައިނާއަށް

ނާޝިދު ވިދާޅުވި ގޮތުގައި ބޭރަށް ދަތުރު ކުރަން ފްލައިމީން ހުއްދައަށް އެދިފައި ވާއިރު އެ ހުއްދަ ލިބުމާއެކު ދަތުރު ފެށޭ ވަރަށް ތައްޔާރު ވެފައިވެ އެވެ.

"އެއާޕޯޓް ހުޅުވައި، ހަމައަކަށް އެޅުމާއެކު އިންޑިޔާ އާއި ސްރީލަންކާއަށް ދަތުރުތައް މިހާރު ވެސް ފެށޭނެ. މީގެ އިތުރުން ދަތުރުތައް ފެށުމަށްފަހު ޗައިނާގެ މަންޒިލް ތަކަށް އިތުރު ބޯޓެއް ގެންނާނެ. އެކަން ކުރަން އަޅުގަނޑުމެން ތައްޔާރު ވަމުންދާތާ ދުވަސްވެއްޖެ، އެކަމަށް ތައްޔާރު ވަނިކޮށް ކޮވިޑް-19 އައިސް ހުއްޓިގެން ދިޔައީ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ ރާއްޖޭގެ ޓޫރިޒަމަށް ބޭނުންވާ ވަރަށް ބޭރުން މީހުން ގެނެވޭނެ ކެޕޭސިޓީ ހުރި ދިވެހި އެއާލައިން ތަކެއް އުފައްދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ދައްކަން ފުޑް ސެކިއުރިޓީގެ ވާހަކަ، އެކަން ވީކް ވާހަކަ. އެގޮތަށް އޭވިއޭޝަން ދާއިރާ ވެސް ބޭރުން މީހުން ގެނައުމަށް ބަލާއިރު ރާއްޖެ ވަރަށް ވީކް. މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 95 ޕަސެންޓް މި ގެންނަނީ ބޭރުގެ އެއާލައިން ތަކުން. ކުރިން މެގަ މޯލްޑިވްސް އޮތްއިރު ޗައިނާއިން ގެނެސްދިން އަހަރަކު ދެ ލައްކައެއްހާ މީހުން، މޯލްޑިވިއަން އެކަނި މިހާރު މި އޮތީ އެ ބޭފުޅުން އެބަގެނޭ ގާތްގަނޑަކަށް 150،000 ވަރު. ރާއްޖޭގައި ބޭރުން މީހުން ގެނެވޭނެ ދިވެހި އެއާލައިނެއް އޮތުމަކީ ޓޫރިޒަމް ސެކްޓާގައި އިންވެސްޓް ކުރާ މީހުންނަށް ވެސް ލިބިގެން ދާނެ އިތުރު ޔަގީންކަމަށް ވާނެ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްރީލަންކާ އާއި އިންޑިއާގެ ކުންފުނި ތަކަށް "އަން ލިމިޓެޑް" ކޮށް ރާއްޖެއަށް އުދުހެން ފުރުސަތު އޮތްއިރު ދިވެހި ކުންފުނި ތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ. އެހެންކަމުން އެކަން ޕްރެކްޓިސް ކުރަން ޖެހެ އެވެ.

"ވަރަށް ވާދަވެރިވާނެ މި ސެކްޓާ [އިންޑިޔާ / ސްރީލަންކާ] އެކަމަކު އިތުރު އެއާލައިނެއް ފެށީމަ އޭގެ ފައިދާ ލިބޭނީ ކަސްޓަމަރުންނަށް. އަޅުގަނޑުމެންގެ ޔަގީންކަން އެބަ އޮތް މި ސެކްޓާގައި ވެސް ކުރި އަށް ދެވިދާނެކަން. އެހެންވެ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން މިދަނީ. ނުކުތީމަ، ފެށީމަ އެނގޭނީ،" އޭނާ ވިދާޅުވި އެވެ.