ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އެއާއިން އދ. މާމިގިލީގައި ހަދާފައިވާ ވައިގެ ބަދަރު އިންޓަނޭޝަނަލް ކުރަން ހުށައަޅާފައިވާ ހުށައެޅުމަށް ވަރަށް އަވަހަށް ގޮތްތަކެއް ނިންމަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މާމިގިލީ އެއާޕޯޓް 2013 ވަނަ އަހަރު ވެސް އިންޓަނޭޝަނަލް ކުރި އެވެ. ނަމަވެސް ރައީސް ވަހީދުގެ ސަރުކާރުން ނިންމި އެ ނިންމުން ރައީސް ޔާމީންގެ ސަރުކާރުގައި ބަދަލުކޮށް އެ އެއާޕޯޓް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލު ކޮށްފައެވެ. އެއީ 2015 ގައެވެ.
މި ރޭ އޮތް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތުގައި ގިނަ އެއާޕޯޓްތަކެއް އިންޓަނޭޝަނަލް ކުރުމަކީ ގިނަ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ހުށައަޅާފައިވާ ކަމަށާ އެކަމާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ގެންދާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. ނަހުލާ ވިދާޅުވީ މާމިގިލި އެއާޕޯޓް ކުރިން އިންޓަނޭޝަނަލް ކުރި ނަމަވެސް އަލުން އެކަމަށް އެދިފައި ވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހުގައި ކަމަށެވެ. އެހެންވުމުން މި ހާލަތުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.
ނަހުލާ ވިދާޅުވީ ގައިޑްލައިންނާ އެއްގޮތަށް ފޮލޯކުރަން ޖެހޭ ކަންކަން ބެލުމަށްފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށޭއިރު އެ ހުއްދަ ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"މި ގައިޑްލައިންގެ ތެރެއިން ފޮލޯކުރަން ޖެހޭ ކަންކަން ނިމުމުން ޓޫރިޒަމް ފެށިގެން ދާއިރު މިގޮތަށް އެދިފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ދަންނަވަން." ނަހުލާ ވިދާޅުވި އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ މާމިގިލީގައި ހިންގާ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށާއި ފްލައިމީން ރާއްޖޭން ބޭރަށް ދަތުރު ފަށަން ސިވިލް އޭވިޝަން އޮތޯރިޓީގެ ހުއްދައަށް އެދިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުތައް ހުޅުވާލައި މި ކަމަށް ހުއްދަ ދިނުމާއެކު ރާއްޖޭން ބޭރުން މާމިގިއްޔަށް އިންޓަނޭޝަނަލް ފްލައިޓް ޖައްސަން ފަށާނެ ކަމަށެވެ.
"އިންޓަނޭޝަނަލް ފްލައިޓް ތަކަށް މާމިގިލި ހުޅުވާލަން ސަރުކާރާއެކު މަޝްވަރާ ކުރަމުން ދާއިރު ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ. އެހެންވެ އުންމީދު ކުރަނީ ވަރަކަށް އަވަހަށް ހުއްދަ ލިބިގެން ދާނެ ކަމަށް. މިއީ ދިވެހި ރާއްޖެ އާއި ޓޫރިޒަމަށް މިހާލަތަށް ބަލާއިރު ވެސް މުހިންމު ކަމެއް،" ނާޝިދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމްގެ ވިލާ ގްރޫޕުން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓް ތަކަށް ހުޅުވާލަން މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި އެ ހުއްދަ ބާތިލް ކުރުމުން އެކަން ކުރެވޭގޮތް ނުވީ އެވެ.
ނާޝިދު ވިދާޅުވީ އެ ކުންފުނީ ގައި ކުރިން އޮތް ފްލައިޓް ޖެއްސުމުގެ ހުއްދަ ނެގި ނަމަވެސް އެ ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުން ދިޔަ ކަމަަށާ، އެހެން ކަމުން ވޭތުވެދިޔަ ދުވަސްތަކުގައި މި އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.
"ކުރިއާ ބަލާއިރު މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ ވެސް މިވަނީ 200 ޕަސެންޓް މަތިވެފައި. މާމިގިލީގައި 120 މީހުން ޖާގައިގެ ލައުންޖަކާއި އެރައިވަލް ހޯލު ވެސް ވާނީ ފުރިހަމަ ވެފައި. އެހެންވީމަ ހަމަ ހުއްދަ ދިނުމާއެކު ހުޅުވާލެވޭ ވަރަށް ކެޕޭސިޓީ އެބަހުރި،" ނާޝިދު ވިދާޅުވި އެވެ.