ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުމާ ވިލާ އެއާ އިން އަލުން ހަވާލުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް އަލުން ހަވާލުކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް ކުރީގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވިލާ އެއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ޝަމީމް އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާގެ ފިރިކަލުން ގާސިމް އިބްރާހީމްގެ ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ. ނަމަވެސް ސަރުކާރާއި ވިލާ އެއާއާ މަޝްވަރާކޮށްގެން ވިލާ އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ދޭން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެ ރަށް ހަވާލުކުރުމުގެ ގޮތުން އެކަމާ ގުޅޭ އެއްބަސްވުމެއްގައި އަދިވެސް ސޮއި ކޮށްފައި ނުވާ ކަމަށް ވިލާ އެއާ އިން މިއަދު ބުނެފައިވެ އެވެ. ނަމަވެސް އެއާޕޯޓާ އަލުން ހަވާލުވާނީ ފަޅެއް ނުވަތަ ރަށެއް ދިނުމުން ކަމަށް ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މީގެކުރިން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
"ހަގީގަތަކީ އޭގެ ޒާތުގައި އެއާޕޯޓްތަކަކީ ފައިދާވާ ތަންތަނެއް ނޫން. އެހެންވެ ރާއްޖޭގައި އެއާޕޯޓްތައް ހަދައި މެނޭޖުކުރަން ހަވާލު ކުރަނީ ރިސޯޓް ހަދަން ދެ ރަށް ނުވަތަ ރަށަކާއި ސިޓީ ހޮޓަލެއް އަޅަން ބިމެއް ދީފައި. އޭރުން އެއާޕޯޓުން ގެއްލުންވި ނަމަވެސް އެ ރަށެއްގައި އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިން އެއާޕޯޓް ހިންގޭނެ. އެހެންވީމާ އަޅުގަނޑުމެންނަށް ރަށެއް ނުލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ނާޝިދު ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރީ ކުރީގެ އެއްބަސްވުމުގައިވާ ގޮތަށް ކަމަށެވެ. އެގޮތުން ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގާނެތީވެ އެހެން ފަރާތްތަކަށްވެސް ދޫކުރާ އުސޫލެއް ރަށެއް ނުވަތަ ފަޅެއް ލިބޭނެ ކަމަށެވެ. އެއާޕޯޓް ހަވާލުކޮށްފައިވަނީ ކުރިންވެސް ދީފައިވާ 50 އަހަރުގެ މުއްދަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމުގެ މައިގަނޑު އޮންނާނީ ހަމަކުރިން ވެސް އޮތް ގޮތަށް. އެއާޕޯޓް ހިންގަން އެއްބަސްވުމުގައިވާ މުއްދަތު ވެސް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ކުރިން ވިދާޅުވީ ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް ކުރީގެ ސަރުކާރުން އަތުލީ އެތަން ތަރައްގީކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ކާޑެއްދޫ އަށް ގެނެސް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ވިލާ އެއާގެ އަތުން ކާޑެއްދޫ އަތުލި ފަހުން އެތަން ތަރައްގީކުރުމަށް ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށާއި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަންވޭގެ މަރާމާތުގެ މަސައްކަތްތަކެއް ވެސް އޭރު ކުރިން. އެއާޕޯޓް ސެކިއުރިޓީ ފެންސްގެ ބައެއް ވެސް ނިންމިން. ކާޑެއްދޫ ޕަވާ ހައުސްގައި ވެސް އަޅުގަނޑުމެން ގެނެސްފައި ހުރި އިންޖީނު ވެސް ހުންނާނެ. ކާޑެއްދޫ އެއާޕޯޓްގައި މިއަދުވެސް ބޭނުންކުރަމުން އެދަނީ އަޅުގަނޑުމެން އޭރު ގެންދިޔަ އެކްސްރޭ މެޝިން. އަނެއްކާ ތަނުގެ ހާލަތު އިތުރު ގޯސްވީކަން މި އެނގެނީ ހުކުރު ދުވަހު އެރަށުގެ ޖެޓީ ވެއްޓުނީމާ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިލާ އެއާ އިން ސަރުކާރަށް ހުށަހަޅާފައިވަނީ އެއާޕޯޓް ހަވާލުކުރާތާ ހަތް އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ކަމަަށެވެ. އެ މަސައްކަތް ވިލާ އެއާގެ ހަރަދުގައި ކުރާއިރު އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާނުލައި ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ކަމަށާއި ވިލާ އެއާގައި އެ ގާބިލްކަން ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ. ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތަކަށްވީ ނަމަވެސް އެ ރަށް ހިއްކާ، އާ ރަންވޭ އަޅައި، އާ ޓާމިނަލެއް ހެދުމަށްފަހު ޕަސެންޖަރުންނަށް ފުރިހަމަ ހިދުމަތެއް ދޭ އެއާޕޯޓަކަށް، ކާޑެއްދޫ އެއާޕޯޓް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އަޅުގަނޑުމެން ނޭދޭ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުންވީ ގޮތް ކާޑެއްދޫ އެއާޕޯޓަށް ވާކަށް. މާނައަކީ އެއާޕޯޓް ތަރައްގީއާ އެކު އެ ސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރުވާނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް ފެންނަ ހިޔާލުތައް އަޅުގަނޑުމެން ވެސް ސަރުކާރާ ހިއްސާކުރާނަން. ކާޑެއްދޫ ސަރަަހައްދުގައި މިވަގުތު ހުރީ 1800 ބެޑް ކެޕޭސިޓީ،" ނާޝިދު ވިދާޅުވި އެވެ.