ވިލާ ގްރޫޕް

ކާޑެއްދޫ އަތުލީ ގޯސްކޮށް، އަނބުރާ ދޭން ޖެހޭ: ހުކުމް

May 10, 2021
1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލްކޮށްލީ ގޯސްކޮށް ކަމަށްވާތީ ވިލާއަށް އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ ޖެނުއަރީ 1، 2014 ގައެވެ. ސަރުކާރުން ވިލާއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްލީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.

ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ދީފައިވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ވެސް މީގެކުރިން ނިންމާފައިވެ އެވެ.

ސުޕްރީމް ކޯޓުން ވެސް އެ ނިންމުންތަކަށް ތާއީދުކުރުމާ ގުޅިގެން ވިލާ އެއާ އަށް ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓްގައި ހުރި މައްސަލަތަކެއް އިސްލާހު ކުރަން ފުރުސަތު ދިން ނަމަވެސް އެއްބަސްވުން ބާތިލްކުރީ އެއާޕޯޓް ހިންގުން ހުއްޓާލަން ނޯޓިސް ނުދީ ކަމަށެވެ. އަދި މައްސަލަތައް އިސްލާހުކުރަން ފުރުސަތު ދިނުމަށްފަހު އެއާޕޯޓް ހިންގަން ވިލާ އެއާ އަށް ދީފައި އޮތް ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދިން ކަން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުން ވަނީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގިއިރު އުސޫލުތަކާ ހިލާފަށް ކަންތައްތަކެއް ކުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން އެސެސްމަންޓް ރިޕޯޓެއް ހުށަހަޅާފަ އެވެ. އެކަމަކު އެ ރިޕޯޓުން އެއްވެސް ކަމެއް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައި ބުނެފައެއް ނުވެ އެވެ. އޭގެބަދަލުގައި އެ ރިޕޯޓްގައި ހުރި ކަންތައްތަކަކާ މެދު ހުކުމްގައި ސުވާލު އުފައްދާފައިވެ އެވެ.

އެގޮތުން ވިލާ އެއާ އިން އުސޫލާ ހިލާފުވި ކަމަށް ބުނާއިރު މޯލްޑިވިއަންގެ ފްލައިޓް ޖައްސަން ހުއްދަ ދިނުމާއި، އެއާޕޯޓް ހިންގަން ވިލާއަށް ފުރުސަތު ދީގެން ސިވިލް އޭވިއޭޝަނުން ދެމިތިބުން ފާހަގަކޮށްފައިވެ އެވެ. ކަމެއް އިސްލާހުކުރަން އެންގުމަކީ އެއްބަސްވުމެއް ބާތިލްކުރަން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަށް ހަވާލުކުރަން ސުޕްރީމް ކޯޓުން ހުކުމްކުރިއިރު އެ އެއާޕޯޓް މިހާރު ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުންނެވެ.