ހަބަރު

ޑަބްލިއުއެލްޓީއަށް 13 މިލިއަން ޑޮލަރު ދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ވިލާގެ ވެރިޔާ ގާސިމް އަދި އުއްތަމަ ފަނޑިޔާރު: ޑަބްލިއުއެލްޓީއަށް 13 މިލިއަން ޑޮލަރު ދޭން ހުކުމްކުރި
0%
0%
0%

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު، އެ ކުންފުންޏަށް ދޭން ދައުލަތުގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމް، ޑަބްލިއުއެލްޓީގެ ފަރާތުން އިލްތިމާސްކުރުމުންނެވެ.

ޑަބްލިއުއެލްޓީއިން ކޯޓަށް ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)އިން ޑަބްލިއުއެލްޓީއަށް ތިން ރަށެއް 2007 ވަނަ އަހަރު ދިނުމަށް ނިންމުމަށްފަހު ވެސް އެ ރަށްތައް ދޫނުކުރި މައްސަލާގަ އެވެ. އޭގެ ބަދަލުގެ ގޮތުގައި އެ ކުންފުނިން ދައުވާކުރީ 112 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ވެސް ހުކުމްކުރި އެވެ. އެކަމަކު، ދޫކުރަން ނިންމި ރަށްރައް ޑަބްލިއުއެލްޓީއަށް ދޫކޮށްފައިނުވާކަން އެ ދެ ހުކުމްގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، އެޑްވާންސް ކުލީގެ ގޮތުގައި 16.9 މިލިއަން ޑޮލަރު ދައްކާފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެ ދެ ކޯޓުން ވެސް ހުކުމްކުރީ އެ އަދަދު ދައުލަތުން ދެއްކުމަށެވެ.

ޑަބްލިއުއެލްޓީ އެދުނު ނަމަވެސް ނަގައިނުދީ ބަދަލުގެ ގޮތުގައި އެދޭ އަދަދަކީ ލިބުނު ގެއްލުންކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ.

މިއަދު އެ މައްސަލާގެ ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ވަނީ އެޑްވާންސް ކުލީގެ ގޮތުގައި ޑަބްލިއުލްޓީއިން ދެއްކި 16.9 މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭނެ އެއްޗެއްް ކަމަށް އެއްވެސް ހިލާފެއް ނެތި ތާއީދުކޮށްފަ އެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ މިންވަރު އެއޮތް ގޮތަށް ނަގައިނުދޭން ސުޕްރީމް ކޯޓުން ނިންމި އެވެ.

އެގޮތުން ޑިޒައިން ފީ އަދި ލޯޔަރުންގެ ފީގެ ގޮތުގައި 59 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދިފައިވީ ނަމަވެސް އެ އަދަދު ނަގައިދެވޭނެ އަސާސެއް ނެތް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. އެއީ ލޯޔަރުންގެ ފީ ނަގައިދޭނެ އުސޫލެއް އެއްވެސް ގާނޫނެއް އަދި ގަވައިދެއްގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށް ބުނެ އެވެ. މީގެއިތުރުން ދަތުރުފަތުރާއި އެހެންނިހެން ކަންކަމަށް ދިޔަ ހަރަދުގެ ގޮތުގައި 7،000 ޑޮލަރު ނަގައިދޭން އެދިފައިވިޔަސް އެކަން ސާބިތު ކުރާނެ ހެކި ނެތް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ދެން އެދިފައިވަނީ އޮޕޮޗުނިޓީ ކޯސްޓްގެ ގޮތުގައި 103 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އެ އަދަދު ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި، ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުން އެ މިންވަރު ސާބިތު ނުވާ ކަމަށް ހުކުމްގައިވެ އެވެ. އެކަމަކު، އިތުރު ހެކި ހުށަހަޅަން ފުރުސަތު ނުދީ އެއީ ނަގައިނުދެވޭނެ އަދަދެއް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އަދި، އެ ބަދަލު ހޯދުމަށް ކޯޓުގައި ދައުވާ ކުރުމުގެ ފުރުސަތު ޑަބްލިއުއެލްޓީއަށް އޮންނާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ޑަބްލިއުއެލްޓީއަށް ދޭން އަމުރުކުރި 13 މިލިއަން ޑޮލަރަކީ ފައިނޭންސް ކޯސްޓްގެ ގޮތުގެ ބަދަލުގެ ހޯދަން އެދުނު އަދަދެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެ އަދަދަކީ ޑަބްލިއުއެލްޓީގެ ފަރާތުން ވިލާ ކުންފުނީގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ނެގި ލޯނެއް، އިންޓްރެސްޓާއެކު އަރާފައިވާ މިންވަރުކަން އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށެވެ.

ޑަބްލިއުއެލްޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް މިއަދު އިއްވާފައިވާއިރު، 16.9 މިލިއަން ޑޮލަރު ދޭން ހައިކޯޓުން ކުރި ހުކުމް ދައުލަތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފަ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345