ރިސޯޓް ހަދަން ވިލާ ގްރޫޕަށް ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ދައްކަން އެންގި މައްސަލާގައި ފްރީޒްކުރި ވިލާގެ އެކައުންޓުތައް ދޫކޮށްލައިފި އެވެ.
ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ވިލާއަށް ދައްކަން އަންގާފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި މި ފައިސާ ނުދެއްކުމުން މީރާއިން ވަނީ ވިލާގެ އެކައުންޓްތައް ދޫކޮށްލާފަ އެވެ. މިކަމާ ގުޅިގެން މީރާ އާއި ވިލާއިން ރަސްމީކޮށް ބައެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ވިލާ ގްރޫޕުގެ އެކައުންޓުތައް ފްރީޒްކޮށްފައިވަނީ ވިލާ ޝިޕިން އަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުން 2015 ވަނަ އަހަރު ބާތިލް ކުރުމަށްފަހު އެއް މަސް ދުވަހުގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަން ދިން މުހުލަތުގައި އެ ފައިސާ ނުދެއްކުމުންނެވެ. އަދި މި މައްސަލާގައި ވިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި މި މައްސަލަ ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ އަހަރު ވަނީ އެ ހުކުމް ބާތިލް ކޮށް އެ ތަންތަން އަތުލާފައިވަނީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި ވިލާއިން ވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
މި ހުކުމް ބާތިލް ކުރުމާ ގުޅިގެން ވިލާ ގްރޫޕުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ވިލާއިން ފައިސާ ހޯދުމަށް މީރާއިން ކޮށްފައިވާ ދައުވާތަކުގެ އެއްވެސް އަސާސެއް މިހާރު ނެތް ކަމަށެވެ.
ވިލާގެ ލޯޔަރަކު "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި މީރާއިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާ އަކީ ހައި ކޯޓުން ކޮށްފައިވާ އަމުރުގެ އަސްލަކަށް ބަލައިގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި އެ އަމުރު ބާތިލް ކުރުމުން އެ މައްސަލަތަކުގެ އެއްވެސް އަސާސް މިހާރު ނޯންނާނެ ކަމަށެވެ. އެހެން ކަމުން ވިލާއިން މީރާ އަށް 188 މިލިއަން ޑޮލަރު މިހާރު ދައްކަން ނުޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލް ކުރަނީ ވިލާއިން މީރާއަށް ދެން އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭނެ ކަމަށް، އަދި ހައިކޯޓްގެ އަމުރަށްފަހު ފުރީޒް ކޮށްފައިވާ ކުންފުނިތަކުގެ އެކަންޓްތައްވެސް ދޫކޮށްލަން ޖެހޭނެ، އެއީ ސުޕްރީމް ކޯޓުން މިހާރު އެވަނީ ހައި ކޯޓުން އިއްވާފައިވާ ހުކުމް ބާތިލް ކޮށްފަ، އެހެން ކަމުން މައްސަލަތަކުގެ އަސްލެއް މިހާރު ނެތް،" ވަކީލް ވިދާޅުވެފައިވެ އެވެ.