ހަބަރު

ވިލާ ކުންފުންޏާ ގުޅޭ މައްސަލައެއް މާދަމާ ސުޕުރީމް ކޯޓްގައި ފަށަނީ

ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާ ދައުލަތާއި މައްސަލަޖެހެން މެދުވެރިވި ވިލާގެ ހިއްސާއޮންނަ، ވޯލްޑް ލިންކް ޓްރަވެލްސް (ޑަބްލިއުއެލްޓީ)ގެ މައްސަލައިގެ އިލްތިމާސަށް އެންމެ ފަހުން ވިލާ ކުންފުންޏާއި ދައުލަތުންވެސް ސުޕުރީމްކޯޓަށް ހުށަހަޅައިފި އެވެ.

ވަކިވަކިން ހުށަހަޅާފައިވާ އެ ދެމައްސަލައިގެ ޝަރީއަތްވެސް މާދަމާ ފެށުމަށް ސުޕުރީމްކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އެ މައްސަލަ ތާވަލްކޮށްފައި އޮތީ މާދަމާ ހެނދުނު 10:30 އަށެވެ.

ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ، އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް ކުންފުނިން ޑަބްލިއުއެލްޓީ އަށް 2007 ވަނަ އަހަރު ރިސޯޓް ހެދުމަށް ތިން ރަށެއް ދޭން ނިންމުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި، އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރު ނުވަތަ 1.7 ބިލިއަން ރުފިޔާއާއި، ރަށްތަކުގެ އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ދައުލަތަށް ނަގައިދިިނުމަށެވެ.

ޑަބްލިއުއެލްޓީއިން އެ މައްސަލަތައް ދަށުކޯޓާއި، ހައިކޯޓަށްވެސް ހުށަހެޅުމުން، ދަށުކޯޓާއި، ހައިކޯޓުންވެސް ވަނީ ރަށްތަކުގެ އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ވިލާއަށް ދައުލަތުން ދިނުމަށް ހުކުމްކޮށްފަ އެވެ. އެހެން ނަމަވެސް ބަދަލުގެ ގޮތުގައި ނަގައިދޭން އެދިފައިވާ 112 މިލިއަން ޑޮލަރު ނަގައިދެވެން ނެތް ކަމަށް ދަށުކޯޓާއި، ހައިކޯޓުންވެސް ވަނީ ނިންމާފަ އެވެ.

ދައުލަތުން ޑަބްލިއުއެލްޓީއާ ދެކޮޅަށް ސުޕުރީމްކޯޓަށް ހުށަހަޅާފައިވަނީ ދަށުކޯޓާއި، ހައިކޯޓުން ވިލާއަށް ދެއްކުމަށް އަންގާފައިވާ އެޑްވާންސް ފައިސާ 16.9 މިލިއަން ޑޮލަރަކީ އެއީ ދައުލަތުން ދައްކަންޖެހޭ އެއްޗެއް ނޫން ކަމުގައި ކަނޑައެޅުމަށެވެ.

ޑަބްލިއުއެލްޓީއިން މި މައްސަލަ ކޯޓަށް ހުށަހެޅުމުން ވިލާގެ ނިޔަތްގޯސްވެފައިވާ ކަމަށްބުނެ ދައުލަތުން ވަނީ މީގެ ކުރިން ވިލާއަށް ދޫކޮށްފައިވާ ރަށްތަކަކާއި ފަޅުތަކެއްގެ އެގްރީމަންޓްތަކެއް ބާތިލްކޮށް، 100 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ޖޫރިމަނާއާއި ކުލި ދެއްކުމަށް ވިލާއަށް އަންގާފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން ދައުލަތުން ފޯރުކޮށްދޭންޖެހޭ ބައެއް ހިދުމަތްތަށްވެސް ވިލާގެ ކުންފުނިތަކަށް ނުލިބޭގޮތަށް ދަތި ކުރިއެވެ. އެހެން ނަމަވެސް ސުޕުރީމްކޯޓުން ވަނީ އެ ރަށްތަކާއި، ފަޅުތަކުގެ އެގްރީމަންޓްތަށް
ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ނިންމާ، އެ މައްސަލަ ވިލާއާއި އެއްކޮޅަށް ނިންމާފައެވެ.