ގާސިމް އިބްރާހިމް

ތިން ބޭފުޅަކު އަލުން ވަޒީރުކަމަށް އައްޔަންކުރުމުން ގާސިމުގެ ތައުރީފް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަންކުރައްވާ އެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހުވާލައިދެއްވުމަކީ ގާނޫނީ ހުކޫމާތު ދަމަހައްޓާ އަދުލު އިންސާފު ގާއިމުކޮށްދެއްވާ ދުސްތޫރީ ހަމަތައް ހިފަހައްޓަވައި ދެއްވުމަށް ކުރައްވާފައިވާ އަގުހުރި މަސައްކަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ ރައީސް ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ގާނޫނުއަސާސީގައި ލިޔެ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމު ކޮށްފައިވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައި ކަމަށެވެ.

ވަޒީރުންގެ މަޖިލީހަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީހުގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާ ކަމަށް ނިންމާ ހުރިހާ ވަޒީރުންނަށް ރުހުންދޭން ކޮމެޓީގެ އިއްތިފާގުން ނިންމި އެވެ.

ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުގައި ހޯމަ ދުވަހު ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އަށް ރުހުންދީފައިނުވެ އެވެ.

އެކަން ފާހަގަކުރައްވާ ގާސިމު ވިދާޅުވީ މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން ދެ ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް ނިންމުމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ހިލާފަށް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުން ތްރީލައިންވިޕް ކުއްލިއަކަށް އަޅައި، އިލްމީ އަދި ގާބިލު ތިން ވަޒީރަކަށް ރުހުން ނުދިނުން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމްޑީޕީގައި އޮތުމުން އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ގާނޫނުއަސާސީގެ ރޫހާއި، މަޖިލީހުގެ ގަވާއިދުގެ އިމުން ބޭރުން އަމިއްލަ އެދުން އިސްކޮށް ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީޖާވެގެންދާނީ ދިވެހިންނަށް ލިބޭ ދެރައަކަށް ކަމަށްވެސް ގާސިމު ވިދާޅުވި އެވެ.

"އެއީ މުޅި ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައާއި ނުހަނު ބޮޑު ނިކަމެތި ކަމެއްކަމެއްކަމުގައި މެނުވީ ނުވާނެ،" ގާސިމު ވިދާޅުވި އެވެ.

މިއީ މުސްތަގުބަލުގައި ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަ ޖެހުމާއި އުފާފާގަތި ކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ނޫނީ ނުވާނެ ކަމަށާއި މިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ގައުމު ފަސާދަވުމަށް މަގުފަހިވެ ގައުމުގެ ކުރިއެރުން ހުއްޓިގެންދާ ކަމަށްވެސް ގާސިމު ވިދާޅުވި އެވެ.

ގާސިމު ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ހާމަކުރައްވާފަ އެވެ.

މަޖިލީހުން ރުހުން ނުދިން ނަމަވެސް އެ ވަޒީރުން ވަނީ އަލުން އެ މަގާމުތަކަށް އައްޔަންކުރައްވާ މަގާމުގެ ހުވާ ކުރައްވާފަ އެވެ.