އައިޝަތު ނަހުލާ

ޖޭޕީގެ ވެރިކަމުގައި ގޮތް ނިންމާނީ ޒުވާނުން: ނަހްލާ

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގޮތް ނިންމުމުގެ މަރުހަލާގައި އިސްކޮށް ތިބޭނީ ޒުވާނުން ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަހްލާ ވިދާޅުވީ ގާސިމް އިބްރާހީމް އިސްވެ ހުންނަވާ ޖޭޕީގެ ވެރިކަމެއްގައި ޒުވާނުންގެ ހިޔާލާއި ބައިވެރިވުން ވަރަށް ބޮޑަށް އޮންނާނެ ކަމަށެވެ.

ގާސިމަކީ ތަސައްވުރެއް އޮތް ތަޖުރިބާ ހުރި ބޭފުޅަކަށް ވީނަމަވެސް ގާސިމް ވެރިކަން ކުރައްވާނީ ތައުލީމާއި ހުނަރު ހުރި ފަންނީ ޒުވާނުންނާ އެހެން ބޭފުޅުންގެ ވެސް ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ގައުމަށް އެންމެ ރަނގަޅު ވާނެ ގޮތަށް ކަމުގައިވެސް ނަހްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ސަރުކާރުންވެސް ޒުވާނުން ބޭނުންކުރީ "ފެނުކައްކާ ބޮލީގެ އިއްޒަތް" ދީގެން ކުޅެން ގެންގުޅޭ ބައެއްގެ ގޮތުގައި ކަމަށެވެ. އިންތިހާބުގެ ކެމްޕޭންގައި ލިބޭ އެއްޗެއް ހިފި ނަމަވެސް ނަފްސު ވިއްކާ ނުލުމަށް ނަހްލާ ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ކޮންމެ ދިމާލަކުން ކޮންމެ ކުލައަކުން އެއްޗެއް ލިބުނަސް ހިފިޔަސް ނަފްސު ވިއްކާނުލައްޗޭ،" ގާސިމް އަނބިކަނބަލުން ނަހްލާ ވިދާޅުވި އެވެ.

މިޖަލްސާގައި ނަހްލާ ވަނީ ބައެއް މީހުން ގާސިމަށް އަމާޒުކޮށް ފާޑުކިޔާތީ އެކަމަށް ރައްުދެެއްވާފަ އެވެ. ނަހްލާ ސިފަކުރެއްވި ގޮތުގައި ގާސިމަކީ ޖަވާހިރެކެވެ.

"ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް،" ނަހުލާ ވިދާޅުވި އެވެ.

ނަހްލާ ވިދާޅުވީ ގާސިމަކީ އެއްޗެތި ކާލައިގެން އުޅޭ ބޭފުޅެއް ކަމަށް ބަޔަކު ކިތަންމެ ވަރަކަށް ވިދާޅުވި އެއީ ހަގީގަތް ނޫން ކަމަށެވެ. ގާސިމަށް ވުރެ ބޮޑަށް މި ގައުމު ދެކެ ލޯބިވާ އަދި މިގައުމުގެ ތަރައްގީއަށް ހިދުމަތް ކުރެއްވި ބޭފުޅަކު ނުހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނަހްލާ ވިދާޅުވި ގޮތުގައި ގާސިމުގެ މުޅި އަމުރުގައި ކުރެއްވި މަސައްކަތުން ލިބުނު އާމްދަނީގެ 60 ޕަސަންޓް ހޭދަކުރި މިގައުމާއި ރައްޔިތުންގެ ހެވާ ލާބައަށް ކަމަށެވެ. ގާސިމްގެ ދަރިންނާއި އަނބިންނަށް ދިން ވަގުތަށް ވުރެ ގިނަ ވަގުތު އެމަނިކުފާނު ހޭދަކުރެއްވީ މިގައުމުގެ ކުރިއެރުމަށް ހެޔޮ އެދިގެން ކަމުގައިވެސް ވިދާޅުވި އެވެ.