ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ރެކޯޑެއް؛ ވައިގެ މަގުން 3،300 މީހުން ރަށަށް

Jul 7, 2022

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މިއަދަކީ ހާއްސަ ދުވަހެކެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި އެންމެ ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރި ދުވަހެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިއަދަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ރެކޯޑެއް ގާއިމު ކުރި ދުވަހެވެ. މިއަދު ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް 125 އަށް އެރިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައިގެ މަގުން 3،300 އާ ގާތްކުރާ އަދަދަކަށް މީހުން ދަތުރު ކުރިއެވެ.

މިއީ ރެކޯޑެކެވެ. މޯލްޑިވިއަން އިން ބުނީ މިއަދު ދަތުރުކުރިން މީހުންގެ ތެރެއިން 3084 މީހުން ދަތުރު ކުރީ މޯލްޑިވިއަން އިން ކަމަށެވެ.

އެތެރޭގެ ދަތުރުތައް އިތުރުވީ ކުރިއަށް އޮތް އީދު ބަންދާއި ދިމާކޮށެވެ. މިފަހަރު އީދު ބަންދު ދިމާވީ ސުކޫލު ބޮޑު ޗުއްޓީގެ ދުވަސްވަރާ ކަަމުން ވަރަށް ގިނަ ބަޔަކު ދަނީ އަތޮޅުތެރެއަށް ދަތުރު ކުރަމުންނެވެ.

ވައިގެ މަގުން ދަތުރު ކުރަން ޓިކެޓެއް ލިބޭތޯ އެތައް ބަަޔަކު މަަސައްކަތް ކުރިއެވެ. ޓިކެޓް ނުލިބިގެން އެތައް ބައެއްގެ ޝަކުވާ އޮތެވެ.

ހާއްސަކޮށް ގައުމީ އެއާލައިން -- މޯލްޑިވިއަން -- އިން އެކަނި ދަތުރުކުރާ އެއާޕޯޓްތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވިއެވެ. އެތެރޭގެ ދަތުރުފަތުރުގައި މޯލްޑިވިއަންގެ އިތުރުން ފްލައިމީ އާއި މަންތާ އެއާ އިން ހިދުމަތް ދެއެވެ.