ވިޔަފާރި

ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސައިފި

ބ. ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު މިއަދު ޖައްސައިފި އެވެ.

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު، ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސާފައިވަނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރެވެ. 30،000 ވަނަ ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓެކެވެ.

ދަރަވަންދޫ އެއާޕޯޓަށް ބާރު ބޮޑުވަނީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ރިސޯޓް ހުރުމުންނެވެ. ބ އަތޮޅަށް ގައުމީ އެއާލައިން މޯލްޑިވިއަން، ވިލާ އެއާގެ ފްލައިމީ އަދި މަންތާ އެއާ އިންވެސް މިހާރު ދަތުރު ކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ފައިދާގައި ހިންގަނީ މަދު އެއާޕޯޓްތަކެކެވެ. ދަރަވަންދޫ އެއާޕޯޓް ހިމެނިފައިވަނީ 2012 ވަނަ އަހަރު އެ އެއާޕޯޓް ހުޅުވީއްސުރެ ފައިދާގައި ހިންގާ އެއާޕޯޓެއްގެ ގޮތުގައެވެ.

ދަރަވަންދޫ އެއާޕޯޓްގެ ހިދުމަތް އަހަރު ލައްކައެއްހާ ދަތުރުވެރިން ހޯދައެވެ.