މޯލްޑިވިއަން

މޯލްޑިވިއަންގެ ދަރަވަންދޫ ދަތުރުތައް އަލުން ފަށަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތައް އަލުން ބ. ދަރަވަންދޫ އެއާޕޯޓަށް ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވިއަން އިން ދަރަވަންދޫއަށް ކުރާ ދަތުރުތައް ހުއްޓާލީ ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާގެ ދަތުރުތައް ދަރަވަންދޫއަށް ފެށުމާ ގުޅިގެން 2019 ވަނަ އަހަރު އެވެ.

މޯލްޑިވިއަން ހިންގަމުން ގެންދާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރަވަންދޫ ދަތުރުތައް ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އަންނަ މަހު 15 އިން ފެށިގެން މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށާއިރު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބޭއްވުމަށް އައިއޭއެސް އިން ވަނީ ނިންމާފަ އެވެ.

މޯލްޑިވިއަންގެ ދަރަވަންދޫ ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓް ނެގޭނެ ކަމަށްވެސް އައިއޭއެސް އިން މައުލޫމާތު ދީފައިވެ އެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކ ދަތުރުތައް ފުޅާކުރުމަށް އައިއޭއެސް އިން މިދިޔަ އަހަރު ވަނީ އޭޓީއާރް މަރުކާގެ ތިން ބޯޓެއް ފްލީޓަށް އިތުރުކޮށްފަ އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 14 އެއާކްރާފްޓް އެބައޮތެވެ.