ކުޅިވަރު

ނިއުކާސަލްގެ އަމާޒު ބޮޑެތި ކުޅުންތެރިންނަށް

ނިއުކާސަލް ޔުނައިޓެޑުން ދުނިޔޭގެ ބޮޑެތި ގިނަ ކުޅުންތެރިން ތަކެއް ހޯދުމަށް އަމާޒު ހިފައިފި އެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން (ނިއުކާސަލް) ގަތީ މިދިޔަ ހަފުތާ ނިމެނިކޮށެވެ. މިއާއެކު ޕްރިމިއާ ލީގުގެ އިތުރުން މުޅި ދުނިޔޭގެ ވެސް އެންމެ އަގުބޮޑު ކްލަބަކަށް ނިއުކާސަލް ވަނީ މިހާރު ވެފަ އެވެ. ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ނިއުކާސަލް ބައްލަވައިގަތީ 408 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

މިހާރު ލީގުގައި ރެލިގޭޝަނަށް ގޮސްފާނެ ކަމުގެ ބިރު ހީވެފައިވާ ނިއުކާސަލް މިހާރު އަންނަނީ ޓީމަށް ގިނަ ތަރިން ތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓީމުގެ ކޯޗަކަށް ސްޓީވަން ޖެރާޑް ގެންދަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގައި ކޯޗުކަން ކޮށްދީ ތަޖުރިބާ ހޯދާފައިވާ ފްރެންކް ލަމްޕާޑާއި އެންޓޯނިއޯ ކޮންޓޭއަކީ ވެސް ނިއުކާސަލްއަށް ބަދަލުވެދާނެ ކަމަށް ބެލެވޭ ކޯޗުންނެވެ.

އިނގިރޭސި ރިޕޯޓުތައް ބުނާ ގޮތުން ބާސާގެ ފިލިޕޭ ކޮޓީނިއޯ އާއި ރެއާލްގެ ގަރެތު ބޭލް ވެސް މިއަންނަ ސީޒަނުގައި ނިއުކާސަލްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮޓީނިއޯގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ލިވަޕޫލަށް ކުޅުނު އިރު އެވެ. އެހެން ކަމުން އޭނާ އެނބުރި އިނގިރޭސި ލީގަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަަނެއް ކޮޅުން ރެއާލް އާއި އެކު ބޭލް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަންނަ ސަމާ ޓްރާންސްފާ މާކެޓަށް ހަމަވާނެ އެވެ. މިއީ އޭނާ އެނބުރި އިންގްލެންޑަށް ދިއުމަށް ލިބޭ ބާރެކެވެ.

ނިއުކާސަލްގެ އާ ވެރިޔާ ޕްރިންސް މުހައްމަދަކީ އެޑިސަން ކަވާނީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލް ގަންނަން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރި ހިސާބުން ވެސް ކަވާނީ އެޓީމަށް ގެންދިއުމަކީ އޭނާގެ އަމާޒެކެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވުމުން ޓީމުގައި ކަވާނީއަށް އޮތް ފުރުސަތުތައް އޭނާއަށް ކުޑަ ވާތީ ކަވާނީ ނިއުކާސަލްއަށް ބަދަލުވުން ގާތެވެ.

މީގެ އިތުރުން ފްރާންސްގެ އެންމެ މުއްސަނދި ކްލަބް ޕީއެސްޖީން ދެ ކުޅުންތެރިން ނިއުކާސަލްއަށް ބަދަލުވުމަކީ ވެސް މާ ދުރުގައިވާ ކަމެއް ނޫނެވެ. އެގޮތުން ޕީއެސްޖީގެ އެއް ނަންބަރު ކީޕަރު ކޭލާ ނަވާސް އާއި ފޯވާޑް އިކާޑީއަކީ ޕްރިމިއާ ލީގަށް ބަދަލު ވާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ލިސްޓުގެ ވަރަށް ކުރީގައި އުޅޭ ދެ ކުޅުންތެރިންނެވެ.

ޔޫރޯ 2020 ގައި މޮޅު ކުޅުމެއް ދައްކައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ޑޮނަރޫމާ ޕީއެސްޖީއަށް ބަދަލުވުމާއެކު ނަވާސްއަށް އޮތް ފުރުސަތު ތައް ވަނީ ހަނިވެފަ އެވެ. މިހާރު އެ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ދެނީ އެކި ދުވަހު އެކި ކީޕަރުންނަށެވެ. އަނެއްކޮޅުން މެސީ، ނޭމާ އަދި އެމްބާޕޭ އާއެކު ޕީއެސްޖީގެ އެޓޭކިން ލައިން ވަރުގަދަ ކޮށްފައި ވާއިރު އިކާޑީއަށް މިހާރު ޓީމުގެ ފުރަތަމަ 11 އިން ޖާގަ ނުލިބެ އެވެ.