ސްޕޭންގެ ގޯލް ކީޕަރު ޑެވިޑް ޑެ ހެއަ 12 އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށްފަހު އެ ކްލަބް ދޫކޮށްލުމަށް ނިންމައިފި އެެވެ.
ޑެ ހެއަ ބުނެފައިވަނީ މިއީ އޭނާގެ ކެރިއަރުގައި މިވަގުތަށް އާ ޗެލްންޖަކާއި ކުރިމަތިލާންވީ ވަގުތު ކަމުގަ އެވެ. ޑެ ހެއަ އަށް ވަނީ ޔުނައިޓެޑްގައި އިތުރަށް މަޑުކުރުމަށް އޭނާގެ އާ ކޮންޓްރެކްޓާ މެދު އެއްބަސްވުމަކަށް ނާދެވިފަ އެވެ. އެހެންކަމުން އެތްލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް 2011 ގައި ބަދަލުވިފަހުން 12 އަހަރު ދުވަހު މެންޗެސްޓަ ޔުނައިޓެޑަށް ކުޅެމުން އައި އައުން މިވަނީ ނިމުމަކަށް އައިސްފަ އެވެ.
ޑެ ހެއަ ވަނީ އާ އެއްބަސްވުމުގައި ސޮއިކުރުމާ ދާދި ގާތަށް އައިސްފަ އެވެ. ނަމަވެސް މިދިޔަ ސީޒަން ނިމުމުނުތާ ކައިރީ އެއްބަސްވުމުގެ ވާހަކަތައްވަނީ ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެފަ އެވެ.
ކުޅިވަރު ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނަނީ މެންޗެސްޓަ ޔުނައިޓެޑުން އަންނަނީ އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ކެމެރޫންގެ އަންޑްރޭ އޮނާނާ ގެނައުމަށް ވާހަކަދައްކަމުންނެވެ.
އިއްޔެގެ ވަގުތެއްގައި ސޯޝަލްމީޑިއާ އަށް ދޫކޮށްލި މެސެޖެއްގައި ޑެ ހެއަ ބުނެފައިވަނީ އޭނާ ޔުނައިޓެޑްގެ ފޭނުންނަށް މިވަގުތު ދޭން ބޭނުންވާ މެސެޖަކީ ކްލަބަށް އަލަވަދާއު ކިޔަން ބޭނުންވާ ކަމަށެވެ.
ޑެ ހެއަ ވަނީ ޔުނައިޓެޑަށް 545 މެޗް ކުޅެދީފަ އެވެ. އެއީ އެ ކްލަބަށް ހަތްވަނައަށް އެންމެ ގިނައިން ކުޅުންތެރިޔަކު މެޗް ކުޅެދިން އަދަދެވެ.
ޑެ ހެއަ ވަނީ ފާގަސަންގެ މެނޭޖަރު ކަމުގެ ދަށުން 2012-2013ގެ ސީޒަންގައި ކްލަބްގައި ޕްރެމިއަ ލީގް ކާމިޔާބުކޮށްފަ އެވެ. އަދި 2016 ގައި އެފްއޭ ކަޕް، 2017 އަދި 2023 ގައި ކަރަބާއޯ ކަޕް ހޯދާފަ އެވެ. މީގެ އިތުރުން 2017 ގައި ޔޫރަޕާ ލީގް ކަޕްވެސް ޑެ ހެއާގެ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެ އެވެ.
"ޔުނައިޓެޑްގައި އެންމެ މެޗެއް ކުޅެން ލިބުމަކީވެސް ވަރަށް ބޮޑު ޝަރަފެއް. އެއީ ވަރަށް މޮޅަށް ކުޅެގެން އަދި ވަރުގަދަ ޝަހުސިއްޔަތެއް ހުރެގެން ކުރެވޭނެ ކަމެއް. އެގޮތުގައި 545 މެޗް 12 އަހަރުގެ ތެރޭގައި ކުޅުމަކީ އެއީ ވަރަށް ބޮޑު ކާމިޔާބެއް،" ޔުނައިޓެޑްގެ މިހާރުގެ މެނޭޖަރު އެރިކް ޓެން ހާގް ބުނެފައިވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓާއި ކުޅުންތެރިން ވަނީ ޑެ ހެއަ އަށް ހެޔޮއެދުންތައް ފޮނުވައި މުސްތަގުބަލްގައިވެސް ކާމިޔާބަށް އެދިފަ އެވެ.
ޑެ ހެއަ އަކީ ފާއިތުވި 12 ވަރަކަށް އަހަރު ތެރޭގައި ޔޫރަޕްގައި އެންމެ މޮޅަށް ކުޅެފައިވާ ކީޕަރުންގެ ތެރޭގައި ހިމެނޭ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކީޕަރެވެ.