ޕްރިމިއާ ލީގް

ލިވަޕޫލް ޗެމްޕިއަންކަމާ ގާތަށް، ނިއުކާސަލް އަތުން ޔުނައިޓެޑް ބަލިވެއްޖެ

0%
0%
0%

އިނގިރޭސި ޕްރިމިއާ ލީގު މެޗުތަކުގައި ރޭ ލިވަޕޫލުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ، ލީގުގެ ޗެމްޕިއަންކަމާ އިތުރަށް ކައިރިއަށް ޖެހިލައިފި އެވެ.

މިވަގުތު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާސެނަލަށް 63 ޕޮއިންޓް ލިބިފައިވާތީ، 13 ޕޮއިންޓުގެ ލީޑެއް ލިވަޕޫލަށް ލިބިފައިވެ އެވެ. ބާކީ އޮތް ހަ މެޗުން މަދުވެގެން ހަ ޕޮއިންޓް ލިބިއްޖެނަމަ ލިވަޕޫލަށް 20 ވަނަ ފަހަރަށް ލީގު ތަށި ހޯދޭނެ އެވެ.

ލިވަޕޫލްގެ މެޗުގައި ލުއިސް ޑިއާޒް ފުރަތަމަ ގޯލު ޖެހުމަށް މުހައްމަދު ސަލާހު އަތުން ފުރުސަތު ތަނަވަސްވެ، ސަލާހު ވަނީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި ގޯލާއި އެސިސްޓްގެ ޖުމްލަ 45 އަކަށް އަރައި ރެކޯޑެއް ހަދައިފައެވެ. މި ރެކޯޑް ކުރިން އޮތީ 44 އާއެކު އާލިން ހާލަންޑް އަދި ތިއަރީ އޮންރީ އަތުގައެވެ. ވެސްޓް ހޭމް އަތުން މެޗުގެ 86 ވަނަ މިނިޓުގައި އެއްވަރު ކުރުމަށްފަހު، 89 ވަނަ މިނިޓުގައި ވާޖިލް ވެން ޑައިކްގެ ލަނޑުން ލިވަޕޫލް މޮޅުވިއެވެ.

މިރޭގެ އަނެއް މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައެވެ. އަންދްރޭ އޮނާނާ ސްކޮޑުގައި ނުހިމަނައި، ތުރުކީގެ އަލްޓޭ ބަޔިންދީރު ލައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ނިއުކާސަލް އިން ތިން ލަނޑު ޖެހިއެވެ. ހާވީ ބާންސް އިން ދެ ލަނޑާއި ބްރޫނޯ ގިމާރޭސް އިން ޖެހި އެއް ލަނޑާއެކު ނިއުކާސަލް އިން ވަނީ 1931 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް އެއް ސީޒަނެއްގައި ޔުނައިޓެޑް ދެ ފަހަރު ބަލިކޮށްފައެވެ.

މިހާރު ލީގުގެ 14 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 32 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ލީގުގެ ހަތަރަކަށް އަރައިފައިވާ ނިއުކާސަލް އަށް 31 މެޗުން 56 ޕޮއިންޓް ލިބިފައިވެއެވެ. އަދި މިރޭ ވުލްވްސް އަތުން 4-2 އިން ބަލިވި ޓޮޓެންހަމް އޮތީ 15 ވަނައިގައި 37 ޕޮއިންޓާއެކުއެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި އިޕްސްވިޗް ޓައުންއާ އެއްވަރުވެ، 32 މެޗުން 54 ޕޮއިންޓާއެކު ހަ ވަނައިގައި އޮތްއިރު، އެސްޓަން ވިލާ އަށްވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބި އެޓީމު އޮތީ ހަތް ވަނައިގަ އެވެ. މެންޗެސްޓާ ސިޓީ އޮތީ 32 މެޗުން 55 ޕޮއިންޓް ލިބި، ފަސް ވަނައިގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910