ކުޅިވަރު

ޔުނައިޓެޑަށް މޮޅެއް، ލިވަޕޫލަށް މާޔޫސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން 1-2 އިން ކްރިސްޓަލް ޕެލެސް ބަލިކުރިއިރު ރަށުން ބޭރުގައި ލިވަޕޫލް، ވުލްވްސްއާ ވާދަކުރި މެޗުން 0-3 އިން ބަލިވެއްޖެ އެވެ.

ޔުނައިޓެޑް ރޭ މޮޅުވި މެޗުގެ ހަތްވަނަ މިނެޓުގައި ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ޕެލެސްގެ ވިލް ހިއުސްގެ އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރު ބެލުމަށް ފަހު އެވެ. އޭގެފަހުން 62 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. މިއީ ލޫކް ޝޯ ނަގައިދިން ހުރަހަކުން ރަޝްފޯޑް ޖެހި ގޯލެކެވެ. ރަޝްފޯޑްގެ މި ގޯލަކީ ވޯލްޑް ކަޕަށް ފަހު މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުޅުން އަލުން ފެށިފަހުން ޖެހި 11 ވަނަ ގޯލެވެ.

ޕެލެސް އާއި ޔުނައިޓެޑް ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ރެފްރީ ވަނީ 70 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މުހިއްމު މިޑްފީލްޑަރު ކަސެމީރޯ އަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު ސީދާ ރަތެއް ދެއްކީ ކަސެމީރޯ ޕެލެސްގެ ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ.

ރަތް ކާޑާ އެކު ކުރިއަށް އޮތް ތިން މެޗު ކަސެމީރޯ އަށް ގެއްލޭނެ އެވެ. އެއީ ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗާއި ލެސްޓާ ސިޓީއާ ވާދަކުރާ މެޗެވެ. މިއީ ކެރިއަރުގައި ސީދާ ރަތެއް ކަސެމީރޯ އަށް ދެއްކި ފުރަތަމަ ފަހަރެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޔުނައިޓެޑަށް ކޮޅަށް 76 ވަނަ މިނެޓުގައި ޕެލެސް އިން ވަނީ ގޯލު ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޖެފްރީ ޝުލުޕް އެވެ. މި ގޯލަށް ފަހު ޕެލެސް އިން ވަނީ އިތުރު ގޯލެއް ޖަހަން މަސައްކަތްކޮށް ޔުނައިޓެޑަށް ޕްރެޝަރުކޮށްފަ އެވެ.

ފޯމު ދަށްވެފައި އޮތް ލިވަޕޫލް ކޮޅަށް ވުލްވްސް އިން ވަނީ މެޗުގެ ފުރަތަމަ 12 މިނެޓުތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލަކީ ފަސްވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެފަހުން ވުލްވްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ކްރެއިގް ޑޯސަން އެވެ. ވުލްވްސްގެ ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ރުބެން ނަވާސް އެވެ.

މިއަހަރު ފެށުނުފަހުން ޕްރިމިއާ ލީގުގައި ލިވަޕޫލަށް އަދި މޮޅެއް ނުލިބެ އެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. ނިއުކާސަލްގެ ލަނޑު ކަލުމް ވިލްސަން ޖެހިއިރު ވެސްޓް ހޭމްގެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ.

ރޭގެ މެޗުތަކަށް ފަހު ޔުނައިޓެޑް ވަނީ 21 މެޗުން 42 ޕޮއިންޓް ހޯދައި ތާވަލުގެ ތިންވަނަ މަގާމަށް އަރައިފަ އެވެ. އެއްވަރުވި ނިއުކާސަލް އޮތީ 40 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ލިވަޕޫލް މިހާރު ވަނީ 28 ޕޮއިންޓާ އެކު 11 ވަނަ އަށް ވެއްޓިފަ އެވެ.