ޕްރިމިއާ ލީގް

ލިވަޕޫލް އާއި ޔުނައިޓެޑް އެއްވަރު، ސަލާހުއަށް އާ ރެކޯޑެއް

ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް އިނގިރޭސި ކުޅިވަރުގެ ތާރީހުގައި އެޓީމާ އެންމެ ބޮޑު ވާދަވެރިކަން އޮންނަ ކުލަބު ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް އާ ދެމެދު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ލިސަންދްރޯ މާޓިނޭޒް އެވެ. އެއީ ދެވަނަ ހާފް ފެށިގެން އައި ތާ އެންމެ 7 މިނެޓުގަ އެވެ. ނަމަވެސް ލިވަޕޫލްގެ ކޯޑީ ގެކްޕޯ ވަނީ އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި މެޗު އަނބުރާ އެއްވަރު ކޮށްފަ އެވެ.

މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ލިވަޕޫލްގެ ސުޕަރ ސްޓާރ މުހައްމަދު ސަލާހު އަށް ލިބުނު އައު ރެކޯޑެވެ. އޭނާ މެޗުގެ 70 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހި ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 175 ވަނަ ލަނޑެވެ. މިއީ އާސެނަލްގެ ލެޖެންޑަރީ ކުޅުންތެރިއެއް ކަމަށްވާ ތިއެރީ އޮންރީގެ ރެކޯޑާ އެއްވަރުވި ލަނޑެވެ.

ނަމަވެސް މެޗު ނިމުމުގެ 10 މިނެޓު ކުރިން ޔުނައިޓެޑްގެ އަމަދް ދިއާލޯ ވަނީ އެ ޓީމަށް މުހިންމު ގޯލެއް ޖަހައިދީ އެޓީމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ. މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 46 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ދެމިހުރެވިފައެވެ. އަދި ދެވަނައިގައިވާ އާސެނަލް އަށް 40 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވަނީ 23 ޕޮއިންޓާ އެކު 13 ވަނަ ހިސާބުގަ އެވެ.

މި މެޗުގެ އެންމެ ފަހު ސިކުންތުތަކުގައި ޔުނައިޓެޑްގެ ހެރީ މެގުއާ އަށް މެޗު ކާމިޔާބުކުރުމުގެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ވަރުގަދަ ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.