ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލިވަޕޫލުން މިރޭ ހަތް ލަނޑު ޖަހައިފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-7 އިންނެވެ.
ޔުނައިޓެޑް ކޮޅަށް ލިވަޕޫލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒްގެ އިތުރުން މުހައްމަދު ސަލާހް އަދި ރޮބާޓޯ ފިރްމީނޯ އެވެ. ގަކްޕޯ، ސަލާހް އަދި ނޫނޭޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
މެޗަށް ނުކުތްއިރު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ޔޫއެފާ ޔޫރޮޕާ ލީގުގައި ބާސެލޯނާ ކަޓުވާލުމަށް ފަހު އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން އެޓީމުން ދާދިފަހުން ހޯދި އެވެ. ޔުނައިޓެޑާ ދެކޮޅަށް ނުކުތްއިރު ލިވަޕޫލުން މިހާރު އަންނަނީ ލީގުގައި ނަތީޖާ ނެރެމުންނެވެ.
ޔުނައިޓެޑްގެ ދިގު ތާރީހުގައި މީގެ ކުރިން ވެސް ތިން ފަހަރު ވަނީ ހަތް ލަނޑުން ބަލިވެފަ އެވެ. މިރޭގެ ކުރިން އެޓީމު ހަތް ލަނޑުން ބަލިވީ 1931 ވަނަ އަހަރު ވުލްވްސް އަތުންނެވެ. އެހެންވެ މިރޭގެ ބައްޔަކީ މީގެ 92 އަހަރު ކުރީގެ ހަނދާނެކެވެ.
މެޗުގައި ސަލާހް ޖެހި ދެ ގޯލާ އެކު އޭނާ މިހާރު ވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށް ވެފަ އެވެ. ލީގުގައި ސަލާހް 129 ގޯލު ލިވަޕޫލަށް ޖަހައިދިންއިރު ކުރިން މި ރެކޯޑް އޮތީ އެޓީމުގެ ލެޖެންޑް ރޮބީ ފައުލާ އަތުގަ އެވެ.
މޮޅާ އެކު ލިވަޕޫލް ވަނީ 42 ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމުން މިހާރު މިވަނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުރިން އޮތް ނިއުކާސަލް ޔުނައިޓެޑް ވެސް ފަހަތަށް ޖައްސާލާފަ އެވެ. ލިވަޕޫލްގެ މަތިން ހަތަރު ވަނައިގައި އޮތީ 45 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. އެކަމަކު ޓޮޓެންހަމް ވަނީ ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ.
މި ސީޒަނުގައި ލިވަޕޫލަށް އަދި ގަދަ ހަތަރަކަށް ނޭރެ އެވެ. އެކަމަކު މިދިޔަ ފަސް މެޗުގައި ދެއްކި ކުޅުމާ ގަދަ ހަތަރެއްގެ އުއްމީދު މިހާރު އެޓީމަށް ވަނީ އާވެފަ އެވެ.
ލިވަޕޫލް އަތުން ބަލިވުމާ އެކު ލީގު އެއްވަނައިގައި އޮތް އާސެނަލްއާ ޔުނައިޓެޑާ ދެމެދު ވަނީ ފަރަގު ބޮޑުވެފަ އެވެ. އެޓީމަށް 49 ޕޮއިންޓް ލިބިފައިވާއިރު މިހާރުގެ އަމާޒަކަށް އެޓީމު ހަދާނީ ގަދަ ހަތަރެއްގައި ދެމިއޮތުމެވެ.