އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ފުރަތަަނަ ދެ މެޗުން އާސެނަލް ބަލިވެއްޖެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ޗެލްސީ އާއި ބައްދަލު ކުރި މެޗުން އާސެނަލް ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. ލީގުގެ ފުރަތަމަ މެޗުގައި މުބާރާތަށް އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން ވެސް އާސެނަލް ވަނީ 2-0 އިން ބަލިވެފަ އެވެ.
ޗެލްސީ އާއި އާސެނަލް ބައްދަލު ކުރި މެޗުގެ 15 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. މި ގޯލަކީ ރީސް ޖޭމްސް ދިން ޕާހަކުން ޓީމާއި ދެވަނަ ފަހަރަށް ގުޅުނު ރޮމެލޫ ލުކާކޫ ކާމިޔާބު ކޮށްދިން ގޯލެކެވެ. މިއީ ލުކާކޫ ދެވަނަ ފަހަރަށް ޓީމާއި ގުޅުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ފަހަރު ޗެލްސީގައި ކުޅުނު އިރު ލުކާކޫއަށް ގޯލެއް ނުޖެހެ އެވެ. ލުކާކޫ ދެވަނަ ފަހަރަށް ޗެލްސީއަށް ބަދަލުވީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި 98 މިލިއަން ޕައުންޑު ޓްރާންސްފާ ފީއެއްގެ ގޮތުގައި އިންޓާ މިލާނަށް ދެއްކުމަށްފަހު އެވެ.
މީގެ އިތުރުން ވެސް ގޯލު ޖެހުމަށް ގިނަ ފުރުސަތު ތަކެއް ލުކާކޫއަށް ލިބުނެވެ. ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ނުހިފި ބޭކާރުވީ އެވެ.
ޗެލްސީގެ ދެވަނަ ގޯލަކީ މޭސަން މައުންޓް ދިން ޕާހަކުން ވަރަށް ހަމަ ޖެހިލާފައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ރީސް ޖޭމްސް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޭމްސް ވަނީ ގޯލު ޖެހުމުގެ އިތުރުން ލުކާކޫގެ ގޯލު ޖެހުމަށް އެހީތެރިވެދީފަ އެވެ.
މީ މެޗުން އާސެނަލް ބަލިވިއިރު އެޓީމަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެގޮތުން އާސެނަލް އިން ހަ ބޯޅަ ޗެލްސީ ކޮޅަށް ފޮނާލިއިރު ޗެލްސީން ވަނީ 22 ހަމަލާ އާސެނަލް ކޮޅަށް ފޮނުވާލާފަ އެވެ. ގިނައިރު ބޯޅަ ހިފަހައްޓާއިގެން ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ ދެފަޅިން ގިނަ ބޯޅަ ތަކެއް ކުޅެގެން އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފަ އެވެ. ޗެލްސީން ޖެހި ދެގޯލުގެ ކުޅުން ވެސް އުފައްދާފައި ވަނީ ދެފަޅީގެ ވިންގަރުންގެ މުހިންމު ރޯލަކާއި އެކުގަ އެވެ.
މި ނަތީޖާ އާއި އެކު ދެމެޗުން މޮޅުވެ ޗެލްސީ ލީގުގެ އެއްވަނައިގައި އޮތްއިރު އާސެނަލް އޮތީ ދެ މެޗުން ބަލިވެގެން ޓޭބަލްގެ 19 ވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު ސައުތަމްޕްޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. އަދި ވޮލްވްސް އާއި ބައްދަލުކޮށް ޓޮޓެންހަމް ހޮޓްސްޕާ ވަނީ 1-0 އިން މޮޅުވެފަ އެވެ.
މިރޭ ދަންވަރު 12 ޖަހާއިރު ވާދަ ކުރާނީ ލެސްޓާ ސިޓީ އާއި ވެސްޓް ހަމް އެވެ. އެއީ މެޗްޑޭ ދޭއްގެ ފަހު މެޗެވެ.