ޕްރިމިއާ ލީގް

އާސެނަލްއިން ވަރުގަދަ ޓޮޓެންހަމް ބަލިކޮށްފި

ޕްރިމިއާ ލީގުގައި އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ޓޮޓެންހަމާއި ވާދަކުރި މެޗުން އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި ނަތީޖާ އާއި އެކު އާސެނަލް ނުވަ ޕޮއިންޓާއި އެކު ޕްރިމިއާ ލީގު ތާވަލުގެ 10 ވަނައިގައި އޮތް އިރު، ޓޮޓެންހަމް އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.

ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އާސެނަލުން ލީޑު ނެގިއިރު، އެ ގޯލު ޖަހައިދީފައި ވަނީ އެމިލް ސްމިތު ރޯވް އެވެ. މި ގޯލަކީ ބުކާޔޯ ސާކާ ދިން ޕާހަކުން ސްމިތު ކާމިޔާބު ކުރި ގޯލެކެވެ.

އާސެނަލްގެ ދެވަނަ ގޯލަކީ ޓޮޓެންހަމްގެ އޭރިއާ ތެރެއިން އެމްރިކް އޮބަމެޔަންގް ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އެޓީމުގެ ފަހު ގޯލު ޖަހައިދިނީ ސާކާ އެވެ.

އާސެނަލުން އެޓީމުގެ ތިން ލަނޑުވެސް މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި އިރު، ޓޮޓެންހަމުން ގޯލު ޖެހީ މެޗުގެ ދެވަނަ ހާފުގަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ސަން ޖެހި ގޯލަކީ އެޓީމުގެ ކުޅުންތެރިއެއް އޭރިއާ ތެރެއަށް ދިން ޕާހަކުން ޖެހި ގޯލެކެވެ.

ޕްރިމިއާ ލީގުގައި ރޭ ސައުތަމްޕްޓަންއާ ވޮލްވްސް ބައްދަލުކުރި މެޗުން ވޮލްވްސް މޮޅުވީ 1-0 ގެ ނަތީޖާ އަކުންންވެ. މިރޭ އޮންނާނީ ބްރިޓަން އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗެވެ.