އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި 1-3 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް އާސެނަލުން ލީގުގެ އެއްވަނަ މަގާމް ދަމަހައްޓައިފި އެވެ.
އާސެނަލް އެއްވަނައިގައި އޮތީ 8 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 7 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރާ މެޗު ކާމިޔާބު ކުރިޔަސް ސިޓީ އަށް ލިބޭނީ 20 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް 8 މެޗުން 17 ޕޮއިންޓް ހަމަކޮށްފައިވާއިރު، މިއަދުގެ މެޗަކީ ޓޮޓެންހަމް މި ސީޒަނުގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.
އާސެނަލުން މިއަދުގެ މެޗުގައި ލީޑު ނެގީ 20 ވަނަ މިނެޓުގައި ތޯމަސް ޕާޓޭ ޖެހި ގޯލުންނެވެ. ބެން ވައިޓް ޖައްސާލި ބޯޅަ އޭރިޔާ ބޭރުގައި ހުރެފައި ޕާޓޭ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ. ރިޗާލިސަން އަށް ކުރި ފައުލަކަށް އެޓީމަށް ލިބުނު ޕެނަލްޓީ ކޭން ވައްދާލިއިރު، ކޭން ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ރަށުން ބޭރުގައި 100 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އާސެނަލުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ދެވަނަ ގޯލު ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ޖީސުސް އެވެ. މިއީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތްދަށުން ދިޔަ ބޯޅަ ހޯދުމަށް ފަހު ޖީސުސް ޖެހި ލަނޑެކެވެ.
ޓޮޓެންހަމަށް މައްސަލަތައް ކުރިމަތިވީ 62 ވަނަ މިނެޓުގައި އެމަސަން ރޮޔާލް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ އާސެނަލްގެ ގެބްރިއަލް މާޓިނެލީ އަށް ގަސްތުގައި ހަމަލާ ދިނުމުން އެމަސަން އަށް ދެއްކި ރަތް ކާޑެކެވެ. އޭގެ ފަސް މިނެޓު ފަހުން އާސެނަލުން ވަނީ މެޗުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މާޓިނެލީގެ އެހީތެރިކަމާ އެކު މި ލަނޑު ކާމިޔާބުކޮށްދިނީ ގްރަނިޓް ޒަކާ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ޓޮޓެންހަމަށް މެޗު ތެރެއަށް ވަންނަން އުނދަގޫވި އެވެ. މެޗުގެ ފަހު ކޮޅު އާސެނަލުން ވަނީ އިތުރު އެޓޭކްތައް ކޮށް ޓޮޓެންހަމްގެ ގޯލަށް ބާރުބޮޑުކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅޭ އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް އިން ބްރައިޓަންއާ ދެކޮޅަށް ނުކުންނަ މެޗާއި ރަށުން ބޭރުގައި ޗެލްސީ އިން ކްރިސްޓަލް ޕެލެސްއާ ވާދަކުރާ މެޗު ފާހަގަކޮށްލެވެ އެވެ.