ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރުމުގެ ފުރުސަތު އާސެނަލް އިން ގެއްލުވާލައިފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލް ވަނީ ވެސްޓްހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ.
މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ވެސްޓްހޭމްގެ ޖެރޮޑް ބޮވެން އެވެ. މިއީ ޕްރިމިއަ ލީގުގައި އޭނާ ޖެހި 50 ވަނަ ލަނޑެވެ. ބޮވެންގެ މި ލަނޑަށް އެހީތެރިވެދިނީ އާރޮން ވެންބިސާކާ އެވެ.
ފަސްދޮޅަސް ހާހަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އާސެނަލް އަތުން މެޗުގެ ކޮންޓްރޯލް ގެއްލުނީ 73 ވަނަ މިނެޓުގައި މައިލްސް ލެވިސް-ކެލީ އަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. އޭނާ ދަނޑުން ފޮނުވާލީ ވެސްޓްހޭމްގެ މުހައްމަދު ކުޑޫސް އަށް ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެންނެވެ.
މި ބައްޔާއެކު އާސެނަލް އޮތީ 26 މެޗުން 53 ޕޮއިންޓާއެކު ދެވަނައިގަ އެވެ. ލިވަޕޫލްއާއި ދެމެދު މިހާރު އޮތީ 8 ޕޮއިންޓުގެ ފަރަގެކެވެ. އެއްވަނައިގައިވާ ލިވަޕޫލްއަށް 61 ޕޮއިންޓް ލިބިފައިވެ އެވެ.
މި މެޗުން ވެސްޓްހޭމް މޮޅުވުމާއެކު، 30 ޕޮއިންޓާއެކު 16 ވަނައަށް އަރައި، ރެލިގޭޝަން ޒޯނުން އެޓީމު އިތުރަށް ދުރަށް ޖެހިލަައިފި އެވެ. މިހާރު އިޕްސްވިޗް ޓައުންއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.