އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް އާސެނަލް ޓޭބަލްގެ ދެވަނައަށް އަރައިފަ އެވެ.
ނަމަވެސް މި އުފަލާއެކު އެ ޓީމަށް ލިބުނު ހިތާމަވެރި ހަބަރަކީ ޓީމުގެ ކުޅުންތެރިޔާ ބުކާޔޯ ސަކާއަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން ދެ މަސް ދުވަހުގެ މުއްދަތަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހާމަކުރި ގޮތުގައި ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހިފައިވެ އެވެ.
މި އަނިޔާ ސަކާއަށް ލިބުނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު އާސެނަލް ކާމިޔާބުކުރި ނަމަވެސް ސަކާ ވަނީ ފުރަތަމަ ހާފްގައި ބަދަލުކުރަން ޖެހިފަ އެވެ.
އިއްޔެ ރޭ ކުޅުނު އިޕްސްވިޗްއާ ދެކޮޅު މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލު ޖެހީ ކައި ހަވާޓްޒް އެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޖެހި މި ގޯލަށް އެހީތެރިވީ ލިއާންޑްރޯ ޓްރޮސާޑް އެވެ.
މި ކާމިޔާބީއާ އެކު އާސެނަލް ވަނީ 18 މެޗުން 36 ޕޮއިންޓް ހޯދައި ލީގު ޓޭބަލްގެ ދެވަނައަށް އަރާފަ އެވެ. މި ވަގުތު ލީގު ޓޭބަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއަށް ވަނީ 18 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.