ޕްރިމިއާ ލީގް

ފަހު ވަގުތުގެ ގޯލުން އާސެނަލް ސަލާމަތް ވެއްޖެ

ޕްރިމިއާ ލީގުގައި އާސެނަލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ޖެހި ގޯލުން ބަލި ނުވެ އާސެނަލް ސަލާމަތް ވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި އެމްރިކް އޮބާމެޔަންގް އާސެނަލަށް ލީޑު ނަގައިދިނީ ނިކޯލާސް ޕެޕޭ ޖެހި ބޯޅައެއް ކީޕަރުގެ އަތުގައި ޖެހިފައި ނިކުތުމުން އެބޯޅާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާ އަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނެޓުވީ ތަނާ ކްރިސްޓަލް ޕެލެސް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލަކީ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކްރިސްޓިއަން ބެންޓެކޭ ކާމިޔާބު ކޮށްދިން ގޯލެކެވެ. ކްރިސްޓަލްއަށް ލީޑު ލިބުނީ އޮޑްސަން އެޑުއާޑް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުންނެވެ.

އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އާސެނަލްގެ ޑިފެންޑަރު ޓިއާނީއަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ދިއުމުންނެވެ. އާސެނަލުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ވަގުތުގައި އެލެކްސެންޑްރޭ ލަކަޒެޓީ ޖެހި ގޯލަކުންނެވެ.

މި ނަތީޖާ އާއެކު އާސެނަލް މިހާރު އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. ކްރިސްޓަލް ޕެލެސް އޮތީ 14 ވަނައިގަ އެވެ.