ޕްރިމިއާ ލީގް

ތަފާތު ބޮޑުކޮށް އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ތިން މެޗު ކުޅުނު އިރުވެސް އާސެނަލްއަށް އަދި މޮޅެއް ނުލިބެ އެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި މުބާރާތަށް އަލަށް ކޮލިފައިވި ބްރެންޓްފާޑް އަތުން ބަލިވި އިރު، ދެވަނަ މެޗުގައި ޗެލްސީ އަތުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. އަދި ރޭކުޅުނު މެޗުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ބައްދަލުކޮށް އާސެނަލް ބަލިވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރިފަހުން މިއީ އާސެނަލުން މިހާ ދަށްކޮށް މުބާރާތް ފެށި ފުރަތަމަ ފަހަރެވެ. މިއީ މިދިޔަ 67 އަހަރު ދުވަހުގެ ތެރޭގައި އާސެނަލްއިން މުބާރާތުގެ ފުރަތަމަ ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އާސެނަލް މުބާރާތުގެ ފުރަތަމަ ތިން މެޗުން ބަލިވެފައި ވަނީ 1954/55 ސީޒަނުގަ އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 5-0 އިންނެވެ. ފުރަތަމަ ހާފުގައި ގްރެނިޓް ސާކާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ވަނީ ދަނޑުން ފޮނުވާލާފަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ދެއްކި މި ރަތް ކާޑާއެކު މެޗުގެ ބޮޑުބައެއްގައި އާސެނަލުން ކުޅުނީ 10 ކުޅުންތެރިންނާއި އެކުގަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ސިޓީން ކާމިޔާބު ކުރީ ހަތް ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ގެބްރިއަލް ޖީސުސް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އިލްކާއި ގުންޑޮވާން ކާމިޔާބު ކުރި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން ފެރަން ޓޮރެސް ގޯލައި ޖަހައި ލީޑު ފުޅާ ކޮށްދިންއިރު، ފުރަތަމަ ހާފު ނިމެނިކޮށް ގެބްރިއަލް ޖީސުސް ވެސް ވަނީ ގޯލެއް ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުނީ 3-0 އިން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް ރޮޑްރީ ވަނީ ސިޓީއަށް ގޯލެއް ޖަހައިދީ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ގޯލަކީ އޭރިއާ ބޭރުން ގޯލުގެ ތިރީކަނަށް ފޮނުވާލައިގެން ރޮޑްރީ ކާމިޔާބު ކޮށްދިން ވަރަށް ހިތްގައިމު ގޯލެކެވެ. ސިޓީގެ ފަހު ގޯލަކީ މަތިމަތިން އައި ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފެރަން ޓޮރެސް ކާމިޔާބު ކޮށްދިން ގޯލެކެވެ. ފެރަން ވަނީ މި މެޗުގައި ދެގޯލު ޖަހާފަ އެވެ.

މުޅި މެޗުގައި ސިޓީން އާސެނަލް ކޮޅަށް 25 ހަމަލާ ފޮނުވާލި އިރު، އާސެނަލްއަށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ. އެ ހަމަލާ ވެސް ގޯލާއި އަމާޒު ވެފައެއް ނުވެ އެވެ.

ޕްރިމިއާ ލީގުގައި ރޭކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނިއުކާސަލް އާއި ސައުތަމްޓަން ކުޅުނު މެޗާއި، ވެސްޓްހަމް އާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ބްރިޓަން އަތުން 2-0 އިން އެވަޓަން މޮޅުވި އިރު، ނޯވިޗް އަތުން ލެއިސްޓާ މޮޅުވީ 2-1 އިންނެވެ. ޗެލްސީއާއި ލިވަޕޫލް ވާދަކުރި ވަރުގަދަ މެޗު ކޮންމެ ޓީމަކުން ވެސް އެއް ގޯލުޖަހައި އެއްވަރު ވެގެން ނިމުނު އިރު، އެސްޓަން ވިލާ އާއި ބްރެންޓްފާޑް ބައްދަލު ކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.