އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި ބައްދަލު ކުރި މެޗުން ޗެލްސީ މޮޅުވެއްޖެ އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 3-0 ގެ ނަތީޖައަކުންނެވެ. ޗެލްސީން ޖެހި ތިން ގޯލު ވެސް ކާމިޔާބު ކޮށްފައި ވަނީ ދެވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ވަނީ ޗެލްސީ ކައިރިން ރަނގަޅު ކުޅުމެއް ދައްކައި އެޓީމު ޕްރެޝަރަށް ވައްޓާލާފަ އެވެ. އެކަމަކު ތޯމަސް ޓުހޫލްގެ ޓީމު ދެވަނަ ހާފަށް ނުކުތް އިރު ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އެގޮތުން ދެވަަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް ޗެލްސީން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ޖަހާފަ އެވެ. ޗެލްސީއަށް ލީޑު ނަގައި ދިނީ ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ.
ޗެލްސީގެ ދެވަނަ ގޯލަކީ އޭރިއާ ބޭރުން ކަންޓޭ ފޮނުވާލި ބާރު ހަމަލާ ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑިއާގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ވަން ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޗެލްސީގެ ފަހު ލަނޑު ޖަހައި ދިނީ އެންޓޯނިއޯ ރުޑިގާ އެވެ.
މި ނަތީޖާ އާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފަ އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުކޮށް ހަތަރު މެޗުން މޮޅު ވެގެންނެވެ.
ޕްރިމިއާ ލީގުގައި ރޭކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ލެސްޓާ ސިޓީގެ މައްޗަށް ބްރައިޓަން ކުރި ހޯދީ ވެސް 2-1 އިންނެވެ.