ބްރެންޓްފޯޑް ބަލިކޮށް ޕްރިމިއާ ލީގުގެ ދެވަނަ އަށް ލިވަޕޫލް ޖެހިލައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލުން ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސް އަތުން ބަލިވެ ވެސްޓް ހޭމް ޔުނައިޓެޑުން ހަތަރު ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ވަނީ ނަގާލާފައެވެ.
ލިވަޕޫލުން ބްރެންޓްފޯޑް ބަލިކުރީ 3-0 އިންނެވެ. ލިވަޕޫލުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށް ދިނީ އެލެގްޒޭންދްރޯ އާނޯލްޑް ނަގައިދިން ހުރަހަކުން ޑިފެންސިވް މިޑްފީލްޑަރު ފަބީނިއޯ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ވެންޑައިކް އަދި ޗެންބަލައިން އަށް ގޯލު ޖެހުމަށް ހުސް ފުރސަތު ތަކެއް ލިބުނެއެވެ.
ލިވަޕޫލް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ އެންޑީ ރޮބާޓްސަން ނަގައިދިން ހުރަހަކުން އެލެކްސް އޮކްސްލޭޑް ޗެމްބަލިން އެވެ. މިގޯލު އޭނާ ކާމިޔާބު ކުރީ މެޗުގައި އޭނާ އަށް ގޯލު ޖެހުމަށް ލިބިގެން ދިޔަ ހުސް ތިން ފުރުސަތެއް ނާކާމިޔާބު ކޮށްލުމަށް ފަހުގައެވެ. ޗެންބަލައިން ގެ މި ލަނޑަށް ފަހު 74 ވަނަ މިނެޓުގައި ޗެންބަލައިން ވަނީ ބަދަލު ކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ ޓަކޫމީ މިނަމީނޯއެވެ.
މިނަމީނޯ ކުލެން އެރުމަށް ފަހު ލިވަޕޫލުން އުފެއްދި ފުރަތަމަ ހަމަލާގައި 77 ވަނަ މިނެޓުގައި މިނަމީނޯ ލިވަޕޫލްގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މި ލަނޑާއެކު މިނަމީނޯއަށް ހާއްސަ އުފަލެއް ލިބުނެވެ. އެއީ އުފަން އިއްޔެއަކީ އޭނާގެ އުފަން ދުވަހަށްވުމެވެ. މިލަނޑު އޭނާ ކާމިޔާބު ކޮށްދިނީ ފިރްމީނޯ ދިން ބޯޅައަކުންނެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ކުޅުނު 21 މެޗުން 45 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލީޑްސް ޔުނައިޓެޑް އަދި ވެސްޓް ހޭމް މެޗުން ލީޑްސް ވަނީ 3-2 އަކުން ވެސްޓް ހަމް ބަލި ކޮށްފައެވެ. އަދި ރޭގެ މެޗުގައި ލީޑްސް ގެ ޖެކް ހެރިސަން ވަނީ ހެޓްރިކް ހަދާފައެވެ. މީއޭނާ ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކެވެ.
މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ލީޑްސް އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށް ދިނީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޖެކް ހެރިސަން އެވެ. ނަމަވެސް އެ ލަނޑަށް ފަހުގައި ވެސްޓް ހޭމް އިން ކުޅުން ވަރަށް ބޮޑު ތަނުން ރަނގަޅު ކޮށް ވެސްޓް ހޭމް އަށް އެއްވަރު ކޮށްދިނީ 34 ވަނަ މިނިޓުގައި މިވަގުތު އެޓީމުގެ ރޫހުގެ ގޮތުގައި އެޓީމުގެ ގިނަ ސަޕޯޓަރިން ސިފަކުރާ ޖަރޯޑް ބޯވެން އެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ހެރިސަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަލުން ލީޑްސް އަށް ލީޑު ނަގައިދީފަ އެވެ.
2 ވަނަ ހާފު ފެށިގެން 52 ވަނަ މިނިޓުގައި ވެސްޓް ހޭމް އަށް އަލުން ނަތީޖާ އެއްވަރު ކޮށްދިނީ މިޝޭލް އެންޓޯނިއޯގެ އެސިސްޓަކުން ޕަބްލޯ ފޯނަލްސް އެވެ. ނަމަވެސް ފޮނަލްސް މި ގޯލު ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކުރިތާ މާގިނަ އިރުތަކެއް ނުވެ 60 ވަނަ މިނެޓުގައި ހެރިސަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ލީޑްސްގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ހެރިސަން ގެ އެ ލަނޑަށް ފަހުގައި ވެސްޓް ހަމް އަށް ވަނި ގޯލު ޖަހާނެ ދެ ތިން ފުރުސަތެއް ތަނަވަސް ކޮށްފައެވެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނި ދާދި ހަމަހަމަ ކުޅުމެކެވެ.
މި ނަތީޖާ އާއި އެކު ވެސްޓް ހޭމް ހަތަރު ވަނައިގައި އޮތީ 22 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އަދި ލީޑްސް މިވަގުތު އޮތީ ލީގުގެ 15 ވަނައިގައި 22 ޕޮއިންޓާ އެކުގައެވެ.