އެމްއެންޑީއެފް

ވީއައިޕީ ސެކިއުރިޓީއަށް ލަފާ ހޯދަން އެމެރިކާގެ ކޮންސަލްޓަންޓެއް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ވީއައިޕީ ސެކިއުރިޓީ ކޮންސަލްޓަންޓެއް ރާއްޖެ ގެނެސްފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ވަނީ އެމެރިކާގެ ވީއައިޕީ ސެކިއުރިޓީ ކޮންސަލްޓަންޓާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބައްދަލްވުމެއްގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތައް އާންމުކޮށް ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމެރިކާގެ ވީއައިޕީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލާ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި މިއުލާ މާލެ ވަޑައިގެން އުޅުއްވަނީ އެމްއެންޑީއެފް އިން ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ސިފައިން، ވީއައިޕީންއަށް ފޯރުކޮށްދޭ ސެކިއުރިޓީއާ ދޭތެރޭ ބަހުސެއް އުފެދި ސެކިއުރިޓީ ހަރުދަނާ ކުރުމުގެ މަސައްކަތް ފެށީ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ދިނުމުންނެވެ.

ސައިކަލެއްގެ މަޑިދަށުގައި އޮތް އައިއީޑީއެއް ގޮވާލައިގެން ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާ ވަރުގެ ހަމަލާއެއް ވަނީ ދީފައެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމުތަކެއް ލިބިވަޑައިގަތެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަސް މަސް ދުވަހު ފަރުވާ ހޯއްދެވިއެވެ.

އެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރުމަށް ވަރަށް ހާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.