ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރަން ދެ ގައުމުގެ ސަރުކާރުން ފްރޭމްވާކެއް އެކުލަވާލައިފި އެވެ.
މި ފްރޭމްވާކާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުދު ދީދީ އެވެ. އެމެރިކާ ސަރުކާރުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ ރީޑް ވާނާ އެވެ.
ސޮޔަށް ފަހު މިނިސްޓަރު މާރިޔާ ވިދާޅުވީ މި ފްރޭމްވޯކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ގުޅުމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ. އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު ކަނޑުފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ފްރޭމްވާކްގެ ދަށުން ދެ ގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާ ކަަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި ރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމާބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުން ހިމެނެ އެވެ. އަދި މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރު ކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމާއި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައްވެސް ހިންގާނެއެވެ.
މިނިސްޓަރު މާރިޔާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގަ އެވެ.