މުހައްމަދު އަސްލަމް

"މާލޭ މީހުނަށް ރަށްރަށުން ބިން ލިބެން ޖެހޭ"

އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް މާލެއިން ބިން ލިބޭ ފަދައިން މާލޭގެ ރަށްވެހިންނަށް އެހެން ރަށްރަށުން ބިން ލިބެން ޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރު އަސްލަމާއި ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުން މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭ ކަމަށެވެ. އަދި އެކަމުގައި އޮތް މަގަކީ ކޮބައިތޯ އޭނާ އެއްސެވި އެވެ.

އެއާ ގުޅުވައި އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯތި ލިބުމަށާއި، ދިރިއުޅުން މަނާ ނުކުރާ ކަމަށާއި ނަމަވެސް މާލޭގެ ރައްޔިތުން އެހެން ރަށްރަށުން ބިން ހޯދައި ވަޒަން ވެރިވުމަށް ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެކަމަށް އިޖާބަ ނުދޭ ކަމަށެވެ.

"މިއީ އެއްވެސް ހާލެއްގައި ތަހުޒީބު މުޖުތަމައެއްގައި އޮންނަންޖެހޭ ރަނގަޅު ގޮތެއް ނޫން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.