ރާއްޖޭގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ރަނގަޅަށް ކުރަން ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މިއަދު ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން ނެވެ. ޣަނީ އެއްސެވީ ރާއްޖޭގެ އެކި ރަށްތަކުގައި ގޮނޑުދޮށް ހިމާޔަތްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އޭގެން އެކަށީގެންވާ ނަތީޖާއެއް ނުނެރެވި އުދަ އެރުމާއި ރަށް ގިރުން ފަދަ މައްސަލަތައް ހައްލު ނުވަނީ ކީއްވެތޯ އެވެ.
"މިކަން [ގޮނޑުދޮށް ހިމާޔަތް ކުރަން] މާ މޮޅަށް ކުރަން އަޅުގަނޑުމެންނަކަށް ނޭނގެ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރޫމީންގެ ޒަމާނުއްސުރެ މީހުން ތޮށިލައި އުޅޭ ކަމަށާއި އެެހެން ނަމަވެސް ތޮއްޓެއް ލުމަކުން ހައްލެއް ނުލިބޭ ކަމަށެވެ. އަދި އެކަން ކުރުމުން ދެން ދިމާވާ މައްސަލަތައް ބޮޑުވުމުގެ މައްސަލަ ވެސް ކުރިމަތިވާ ކަަމަށާއި ރާއްޖޭގެ ގޮނޑުދޮށްތަކުން ވެސް އެފަދަ މަންޒަރުތައް ފެންނަ ކަމަށެވެ.
"ރަށްރަށުގެ ބަނދަރު ހެދުމުން ރަށްރަށަށް ވާ ގޮތް އެބަ އެނގޭ. ބިން ހިއްކީމަ ވާގޮތް އެބަ އެނގޭ. ތޮއްޓެއް ލީމަ ދެން އޮތް ތަން ގިރާކަން އެބަ އެނގޭ. މިހިރަ ހުރިހާ ކަމެއް ވެސް އެބަ އެނގޭ. އެކަމަކު އަޅުގަނޑުމެންނަށް އެ އެނގެނީ އެކަމެއްވާ ފަހުން. އަޅުގަނޑުމެންގެ ވިސްނުން މިހުންނަނީ މިކަމޭ. އެކަން ކޮށްލާނިއްޔޭ. އޭގެ ސަބަބުން ވާނީ ކޮންގޮތެއްތޯ އަޅުގަނޑުމެންނަކަށް ނުބެލޭ. ނުވެސް ވިސްނޭ" މިނިސްޓަރު ވިދާޅުވި އެވެ.
އެކިއެކި މަޝްރޫއުތައް ހިންގުމުގެ ކުރިން ތިމާވެއްޓަށް ކުރާ ގެއްލުންތައް ބެލުމަށް އީއައިއޭ ތ ހަދާ އުސޫލަށް ވެސް މިނިސްޓަރު ފާޑުވިދާޅުވި އެވެ.
"ރާއްޖޭގެ ކެޕޭސިޓީ ވަރަށް ކުޑަ އެސެސްމަންޓް ހަދަން... ގިނަ ފަހަރަށް އެއީ ކަޓް ޕޭސްޓް އެއްޗެއް. އެހެންވީމާ މާ މޮޅަކަށް މިކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.