ކުޅިވަރު

ނިއުކާސަލްއިން އާ ކޯޗެއް ހޯދަނީ

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) އިން އިނގިރޭސި ވިލާތުގެ ނިއުކާސަލް ޔުނައިޓެޑް ގަތުމާއެކު އެ ޓީމުން އަންނަނީ ކުރިމަގުގައި ޓީމު ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ޕީއައިއެފް އިން ނިއުކާސަލް ގަތުމާއެކު އެޓީމު މިހާރު ވެފައި ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކްލަބަށެވެ. މިއާއެކު ޓީމަށް ގިނަ ކުޅުންތެރިން ތަކެއް ގެންދަން ކުރާ މަސައްކަތާއެކު ޓީމުގެ ކޯޗު ބަދަލު ކުރުމަށް ވެސް އެ ޓީމުން އަންނަނީ ވިސްނަމުންނެވެ.

އެއީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރަން ހަރަދު ކުރަން ވިސްނާއިރު، މިހާރުން ފެށިގެން ކްލަބްގެ ބޯޑުން ބޭނުންވާ ކޯޗެއް ބެހެއްޓުމުގެ ބޭނުމުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޓީމުގެ ބޯޑުން މިހާރު އަންނަނީ ކޯޗު ސްޓީވް ބްރޫސްގެ ކޮންޓްރެކްޓް އުވާލަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ނިއުކާސަލްއަށް އާ ކޯޗެއް ހޯދަން މަސައްކަތް ކުރާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ކޮންޓޭ ވަނީ މީގެ ކުރިން އިޓަލީގެ ގައުމީ ޓީމާއި ޗެލްސީގެ އިތުރުން ޔުވެންޓަސް އާއި އިންޓާ މިލާނަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ. މި ޓީމު ތަކާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކޮންޓޭ އަކީ ޕްރިމިއާ ލީގުގައި ކޯޗުކަން ކޮށްދިނުމުގެ ތަޖުރިބާ ހުރި މީހަކަށް ވުމަކީ ނިއުކާސަލް އަށް ލިބޭނެ ވަރަށް ބޮޑު ފައިދާ އެވެ. އަނެއްކޮޅުން ކޮންޓޭއަކީ ޓީމުގެ ސަޕޯޓަރުން ބަލައިގަންނަ މީހަކަށް ވުމުން އެ ހިތްހަމަ ޖެހުން ވެސް ނިއުކާސަލްއަށް އެބައޮތެވެ.

ބްރެންޑަން ރޮޖާސް އަކީ ވެސް ނިއުކާސަލްގެ ޝޯޓް ލިސްޓުގައު ހިމެނޭ ކޯޗެކެވެ. ލެސްޓާ ސިޓީގެ ކޯޗު ކަމާއި ހަވާލުވެ ހުރި ރޮޖާސްއަށް ބާސެލޯނާއިން ވެސް އަންނަނީ ކަޅި އަޅަމުންނެވެ. ރޮޖާސްގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ލިވަޕޫލް، ސެލްޓިކް އަސި ލެސްޓާއަށް ކޯޗުކަން ކޮށްދީފަ އެވެ.

ނިއުކާސަލްއިން ބަލަމުން އަންނަ އަނެއް ކޯޗަކީ ލިވަޕޫލްގެ ކުރީގެ ތަރި ސްޓީވެން ޖެރާޑް އެވެ. ޖެރާޑް މި ވަގުތު ހުރީ ރޭންޖާސްއާ ހަވާލުވެ އެވެ. ދާދިފަހުން ޖެރާޑް ވަނީ 2024 ވަނަ އަހަރަށް ރޭންޖާސްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ފްރޭންކް ލަމްޕާޑަކީ ވެސް ނިއުކާސަލްގެ ލިސްޓުގައި ހިމެނޭ ކޯޗެކެވެ. ޗެލްސީގެ ކޯޗު ކަމުން ވަކި ކުރި ފަހުން ލަމްޕާޑް ހުރީ މިހާރު އެއްވެސް ޓީމަކާއި ހަވާލު ނުވެ އެވެ. ޗެލްސީއަށް ކޯޗު ކޮށްދިނުމުގެ ކުރިން ލަމްޕާޑް ވަނީ 18 މަސް ދުވަހު ޑާބީ ކައުންޓީއަށް އިރުޝާދު ދީފަ އެވެ.

މީގެ ކުރިން ރޯމާގެ ކޯޗުކަން ކޮށްފައިވާ ޕައުލޯ ފޮންސޭކާ އަކީ ނިމުނު ސަމާ ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމަށް ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެކަކެވެ. އެކަމަކު ޓްރާންސްފާ މާކެޓު ބަންދު ވުމުގެ ކުރިން އެވާހަކަ ވަނީ ހިނދިފަ އެވެ. އެހެން ކަމުން ނިއުކާސަލް އިން އޭނަގެ ހާލަތު ވަރަށް ބޮޑަށް ދިރާސާ ކޮށްފައި ވާއިރު، މިއީ މިފަހަރު ނިއުކާސަލްގެ ކޯޗު ކަމާއި ހަވާލުވުން އެންމެ ގާތް އެކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.